ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ދޭއްގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗު ސްވިޓްޒަލަންޑުން ކާމިޔާބުކޮށްފިއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ސްވިޓްޒަލަންޑަށް ކާމިޔާބުކުރެވުނު ފުރަތަމަ މެޗެވެ. ސްވިޓްޒަލަންޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗްގައި ސްވިޓްޒަލަންޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ ކުޅުންފެށިތާ 55 ސިކުންތުގެ ތެރޭގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލުގެ ބެންފީކާއަށް ކުޅެމުން އަންނަ ފޯވާޑް ހެރިސް ސެފެރޮވިޗްއެވެ. މިއީ ނޭޝަންސް ލީގުގެ ކުރު ތާރީޚުގައި މިހާތަނަށް ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ.
މި މެޗްގައި ޕޯޗުގަލަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އަދި މި މެޗްގައި ސްވިޓްޒަލަންޑްގެ ގޯލްކީޕަރު ޔޯނަސް އޮމްލިން ވަނީ މޮޅު ކުޅުމެއް ދައްކައި، ޕޯޗުގަލްގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މި ކާމިޔާބީއާއެކު ސްވިޓްޒަލަންޑަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް، އަދިވެސް އެ ޓީމް އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. މިއީ ޕޯޗުގަލް މި ފަހަރުގެ މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި އެ ޓީމް ވަނީ މިނާކާމިޔާބީއާއެކު ގްރޫޕްގެ ދެވަނައަށް ވެއްޓިފައެވެ. އަދި އެއްވަނަ މަގާމަށް ސްޕެއިން ވަނީ އަރާފައެވެ.