ޚަބަރު

ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖައްސަނީ


1443ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ޙައްޖު ކޯޕަރޭޝަނުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީންނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ޙައްޖުވެރިންނަށް ފްލައިޓްތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއަރޕޯޓާ ހަމައަށް ދިއުމުގައި ޢަމަލުކުރާނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ޙައްޖާޖީންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި، ޙައްޖާޖީންނަށް ޓްރާންސްޕޯޓް ހަމަޖެއްސުމާއި، ޙައްޖާޖީން އެއަރޕޯޓުގެ ތެރޭގައި ތިބޭވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ހައްޖާޖީންގެ އެހީތެރިން މި ދަތުރުތަކުގައި ބައިވެރިކުރާނެ ގޮތްތަކާމެދުވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މިދުވަސްވަރު މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށްޓަކައި ކޯޓާގެގޮތުގައި ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ހޮވާފައިވަނީ ޢާއްމުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ބަކީ ޖާގަތަކަށް މީހުން ނެގީ ޙައްޖު ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ.

މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ މި ހިނގާ ޖޫންމަހުގެ 26ވަނަ ދުވަހާއި، 29ވަނަ ދުވަހާއި، ޖުލައި މަހުގެ 2ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ. ޙައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ 26ވަނަ ދުވަހުގެ ރޭގަނޑުއެވެ.