ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ނިޔާޒު މޫސާ (ޓެޑް) އޭނާގެ އަމިއްލަ ރަށް، ހއ. މުރައިދޫގައި ހިންގާ ނިޔާ އެކެޑަމީގެ އެންމެ މޮޅު ދަރިވަރުން ހޮވައި އިނާމު ދީފިއެވެ.
ނިޔާ އެކެޑަމީން ބޭއްވި ބްލޫ ނައިޓުގައި އެ އެކެޑަމީގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވުނީ ސުހާ އަބްދުލް ގައްޔޫމެވެ. އަދި އެންމެ މޮޅު ފިރިހެން ދަރިވަރަކަށް ހޮވުނީ އަނަސް މުޙައްމަދު ޝަފީގެވެ.
ނިޔާ އެކެޑަމީން ބުނީ ސުހާ އަދި އަނަސްއަށް އެއްވަނަ ލިބުނީ ކުޅިވަރުގެ އިތުރުން ކިޔެވުމުގައިވެސް ހޯދި ކާމިޔާބީތަކަށް ބަލައިގެން ކަމަށެވެ. އަދި މި ފަހަރުގެ ބްލޫ ނައިޓަކީ 2020 އަދި 2021 އަހަރުގެ އެވޯޑް ދިނުމަށް ބޭއްވި ހަފުލާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދަގަނޑޭގެ އިތުރުން މުރައިދޫއަށް އުފަން ގައުމީ ފެންވަރުގެ ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްވެސް ވަނީ މި ހަފުލާގައި ބައިވެރިވެފައެވެ.
މި ހަފުލާގައި ފްލޭޝްއަށް ވަނީ މުރައިދޫ އާއި ރާއްޖެއަށް ހޯދައިދީފައިވާ ރީތި ނަން އަގުވަޒަންކުރުމުގެ ގޮތުން ޝަރަފުގެ އެވޯޑެއް އަރުވާފައެވެ.
ސަތޭކައަށްވުރެ ގިނަ ކުދިން ތަމްރީނު ހަދަމުން އަންނަ ނިޔާ އެކެޑަމީއަކީ މާލެއިން އުތުރުގައި ހިންގާ އެންމެ ބޮޑު ކުޅިވަރު އެކެޑަމީއެވެ. މި އެކެޑަމީން ފުޓްބޯޅައިގެ އިތުރުން ވޮލީބޯޅައިގެ ތަމްރީނު ކުދިންނަށް ދެއެވެ.