ދުނިޔޭގެ ވިޔަފާރި

ކެނެޑާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ރެކޯޑު ޢަދަދަކަށް ދަށަށް


ކެނެޑާގައި ވަޒީފާނެތް މީހުންގެ ނިސްބަތް ރެކޯޑު ޢަދަދަކަށް ދަށަށް ހިގައްޖެއެވެ.

އެޤައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާރު ވަނީ %5.1އަށް ދަށްވެފައެވެ. މިއީ 1976ވަނަ އަހަރަށްފަހު ކެނެޑާގައި މި ނިސްބަތް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.

ސްޓެޓިސްޓިކް ކެނެޑާއިން ރިޕޯޓުކުރާގޮތުގައި މެއިމަހު ކެނެޑާއިން ވަނީ 39800 ވަޒީފާ އިތުރުކޮށްފައެވެ. އަދި މި ވަޒީފާތަކުގެ ތެރޭގައި ގިނައީ ފުލް ޓައިމް ވަޒީފާތައްކަމަށްވެސް ސްޓެޓިސްޓިކް ކެނެޑާއިން ބުނެއެވެ. އަދި 135000 އަށްވުރެ ގިނަ ފުލް ޓައިމް ވަޒީފާތަކަށް މިދިޔަ މަހު ވަނީ މީހުން ނަގާފައިވެއެވެ.

މީގެކުރިން ލަފާކޮށްފައިވާގޮތުގައި ކެނެޑާއަށް އިތުރުވާނީ 30000 ވަޒީފާއެވެ. ދާއިމީ މުވައްޒަފަކަށް ގަޑިއިރަކަށް ލިބޭ އާމްދަނީ ވަނީ %4.5 އަށް މަތިވެފައެވެ. އޭޕްރީލް މަހު މި ޢަދަދު ހުރީ %3.4 ގައެވެ.

ސްޓެޓިސްޓިކް ކެނެޑާއިން ހަދާފައިވާ ދިރާސާއެއްގެ ނަތީޖާއަށް ބަލާއިރު ވަޒީފާ ނެތް މީހުންނަށްވުރެ ވަޒީފާތައް ކެނެޑާއިގައި ވަނީ އިތުރުވެފައެވެ. މިއާއިއެކު ވަޒީފާތަކަށް ބޭނުންވާ މީހުން ނުލިބުމަކީވެސް ދިމާވާނެ މައްސަލައެކެވެ. ކުރިއަށްހުރި އަހަރު ތަކުގައި ވަޒީފާއިން މުސްކުޅިވާ މީހުން ގިނަވެ އެ ވަޒީފާތަކަށް އާ މީހުން ލިބޭނެކަމަށް އިޤްޠިޞާދީ މާހިރު ބުނެއެވެ.