ވިޔަފާރި

ރަށްރަށައް ކްރޫޒްލައިންތައް ގެންދިއުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު - ޑރ.މައުސޫމް


ރާއްޖެއަށް ކްރޫޒް ޓޫރިޒަމް ތައާރަފްކުރާއިރު ކްރޫޒްލައިންތައް ރަށްރަށަށް ގެންދިއުމުގައި ރަށްރަށުގެ ކައުންސިލްތަކުގެ ދައުރު މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކްރޫޒް ޓޫރިޒަމް ތައާރަފްކޮށް ކުރިއެރުވުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މިހާރުވެސް ކޮންމެވެސް ވަރަކަށް ރާއްޖެއަށް ކްރޫޒް ލައިންތައް އާދެއެވެ. ނަމަވެސް ދާއިމީކޮށް ކްރޫޒް ލައިންތައް ރާއްޖެ އައިސް މިކަމުގެ ނަފާ ރާއްޖެއަށް ލިބޭނެ ގޮތްތައް ބެލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ކްރޫޒް ޓޫރިޒަމްއަކީ ދުނިޔޭގައި މިހާރު ވަރަށްމަޤްބޫލު ފަތުރުވެރިކަމެއްކަމަށެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަން ބޭނުންވާއިރު ކްރޫޒް ޓޫރިޒަމް މެދުވެރިކޮށްވެސް އަންނަން ބޭނުންވާ ފަތުރުވެރިން ތިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ކްރޫޒް ޓާމިނަލް އެޅުމުން މި ފަތުރުވެރިކަން ކުރިއެރުވުމަށް ފަސޭހަވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރު އާންމުކޮށް ކްރޫޒް ލައިންތައް އަންނަނީ މާލެ ސަރަހައްދަށެވެ. ނަމަވެސް ސަރުކާރުން އަމާޒުހިފާފައިވަނީ ކްރޫޒް ލައިންތައް ރާއްޖޭގެ އެކި ސަރަހައްދަށް ގެންދިއުމަށެވެ. މިކަމުގައި ދިވެހި އެޖެންޓުންގެ ދައުރު މުހިންމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޮޑެތި ކްރޫޒް ލައިންތައް ރާއްޖެއަށް އަންނައިރު އާންމުކޮށް އަންނަނީ އެމީހުން ބޭނުންވާ ހުރިހައި އެއްޗެއް ހިފައިގެންކަމަށެވެ. ނަމަވެސް ރާއްޖެއިން މިތަކެތި ލިބެންހުންނަމަ އެމީހުން އެތަކެތި ނުގެންނާނެކަމަށާ، ކްރޫޒްލައިންތަކުން އާމްދަނީ ހޯދުމަށް ކައުންސިލްތަކަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކްރޫޒް ލައިންތަކުން ބޭނުންވާ ތަކެތި އެ ސަރަހައްދަކުން ލިބޭނެ ފަހި އިންތިޒާމްތަކެއް ކައުންސިލްތަކަށް ހަމަޖެއްސިދާނެކަމަށާ އެއިރުން އެ ސަރަހައްދުތަކަށް ކްރޫޒްލައިންތައް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިކަންތައްތަކުގައި ކައުންސިލްތަކުން އިސްނެގުން ވަރަށް މުހިންމު. އެތެރޭގެ ވާދަވެރިކަމެއްތާ އުފެދޭނީ. ތިމާގެ ސަރަހައްދަށް ތިމާގެ އަތޮޅަށް ޓޫރިޒަމް ގެންނަން ހަމަ އެން ޖަހަންވީ. ވާދަވެރިކަމުގެ ތެރޭގައި އެ އަތޮޅަކަށް ރަށެއް ކައިރިއަށް ޓޫރިޒަމް ގެންނަން އަޅުގަނޑުމެން ކައުންސިލްތަކާއި އެބަ ވާހަކަދައްކަން މިހެން ހަދައިފިއްޔާ މީހުން އަންނަހިތް ވާނެއޭ. މިހެން ހަދައިފިއްޔާ މީހުން އަންނަހިތެއް ނުވާނެއޭ. އެވާހަކަތައް އެބަ ދެކެވޭ. އެންމެ ފަހި ތަނަކަށް ކްރޫޒް ލައިނަރަތައްވެސް ބަނދަރުކުރާނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކްރޫޒް ޓޫރިޒްމްއަކީ ރެގިއުލޭޓަރީ ފްރޭމްވޯކް ރަނގަޅުކޮށްލަންޖެހޭ ދާއިރާއެއްކަމަށެވެ. ބޭރުމީހުން މިއަންނަ ބޮޑެތި ޔޮޓްތަކާއި، ދިވެހި ސަފާރީއާއި ދޭތެރޭގައި ބަލާލަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ވަރަށް ފަހުން ވަނީ ބޯޓިން އެސޯސިއޭޝަނާ ބައްދަލުކޮށް ޓޫރިސްޓުންނާއި ގުޅުންހުރި ސަފާރީ ބޯޓުތަކާއި، ޔޮޓްތަކާއި ގުޅުންހުރި ގަވައިދު އަލުން ރިވިއު ކޮށްފައި އެއަށް ގެންނަންޖެހޭ ބަދަލުތަކެއް ގެންނަން މަޝްވަރާކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ، އެންމެންނަށް ރަނގަޅު ހަމަހަމަ މާހައުލެއް ޤާއިމްކޮށްދޭން ޙާއްސަކޮށް ދިވެހިންނަށް ފުރުސަތު ނުގެއްލޭ މާހައުލެއް ޤާއިމްކޮށްދިނުން ވަރަށް މުހިންމުކަމަށެވެ.