ޚަބަރު

ކަމަދޫ ބަނދަރު ތަރައްޤީ ކުރަން އެމްޓީސީސީން ތައްޔާރުވެއްޖެ


ބ.އަތޮޅު ކަމަދޫ ބަނދަރު ތަރައްޤީ ކުރުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ. އެގޮތުން އިއްޔެވަނީ އެބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް އަރުވާ ސައިޓް މޮބިލައިޒް ކޮށްފައެވެ.

ކަމަދޫ ބަނަދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވަމުން އަންނައިރު، މި ބަނދަރުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް އެމްޓީސީސީ އާ ހަވާލާދީ އެރަށު ކައުންސިލުން ބުނެއެވެ. މިބަނދަރު ހެދުމަށް ބޭނުންވާ ހުރިހާ ސާވޭއެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ކަމަދޫގައި މިހާރު އޮތީ 400 ފޫޓް ދިގު 150 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިބަނދަރަށް އިތުރުކުރުމަށް ހަމަޖެހިފައި އޮތީ 150 ފޫޓެވެ. މި މަސައްކަތުގެ ދަށުން ބަނދަރަށް އިތުރުކުރާ 25،404 އަކަމީޓަރުގެ ސަރަހައްދު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާ 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތަށް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުން މިމަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ.

ކަމަދޫގައި މިހާރުއޮތީ މީގެ 25 އަހަރު ކުރިން ވިލާ ކުންފުންޏާއި އެރަށު ރައްޔިތުންގެ މަސައްކަތުން ހަދާފައި އޮތް ބަނދަރެކެވެ. މިބަނދަރު މަރާމާތުކޮށް ބަނދަރު ބޮޑުކުރުމަށް ނިންމީ ފަޅުގެ ޖާގަ ކުޑަވުމުންނާ، ބޭރުތޮށްޓާއި އެއްގަމު ތޮށި ހަލާކުވެފައި ވާތީއެވެ.

މިހާރުވެސް ސަރުކާރުން ބ.އަތޮޅުގައި 5 ރަށެއްގެ ބަނދަރުހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ކަމަދޫ ބަނދަރުގެ މަސައްކަތާއެކު ހިތާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ހިތާދޫ ކައުންސިލުންބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.