ވިޔަފާރި

ބީއެމްއެލްއިން މާސްޓަރކާޑާ ގުޅިގެން އެކްސްކުލޫސިވްކޮށް ޓްރާންސިޓް ކާޑު ދޫކުރަނީ


ބޭންކް އޮފް މޯލްޑިވްސްއިން މާސްޓަރކާޑާ ގުޅިގެން ރާއްޖޭގައި އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މާސްޓަރކާޑު ވެގެންދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް) ދަށުން ދޫކުރާ ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ. މާސްޓަރކާޑުން ޓްރާންސިޓާ ގުޅުން ހުރި ކަންކަމަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން ގަބޫލުކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމްވެސް ގާއިމްކޮށްދޭނެއެވެ.

އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދަތުރު ކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެއެވެ. މި ކާޑު ޓޮޕް އަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗަރ ބޭނުން ކުރަން ނުޖެހުމާއެކު ދަތުރުވެރިންނަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެއެވެ. މިއާއެކު ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބި ހިދުމަތާމެދު ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އޯޕަން ލޫޕް ސިސްޓަމުގެ އެހީގައި މުވައްސަސާތަކަށް ދަތުރުކުރާ ފަރާތްތަކުގެ އަދަދު ތަކާއި އިތުރު އެހެނިހެން މައުލޫމާތު ވަގުތުން ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ދާދި ފަހުން އިފްތިތާހުކުރި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި، ހދ.އަތޮޅުގެ ގެ 14 ރަށެއް ވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާ ގުޅާލާފައެވެ. އަދި ކަނެކްޓިވިޓީގެ މަސައްކަތް ނިމުމަކަށް އަންނައިރު، މި ޓްރާންސިޓް ސޮލިއުޝަން މެދުވެރިކޮށް 41 ރަށެއް ގުޅާލާނެއެވެ. މި މަޝްރޫޢުގެ ކުރިއަށް އޮތް ފިޔަވަހީގައި، ރާއްޖޭގައި ދަތުރުފަތުރުގެ އެންމެ ބާރުބޮޑު ސަރަޙައްދުކަމަށްވާ މާލެއާއި ހުޅުމާލެއަށް އޯޕަން ޓެކްނޮލޮޖީ ފުޅާކޮށް ބަސް ދަތުރުތަކާއި ފެރީގެ ހިދުމަތްވެސް މީގައި ހިމަނާނެއެވެ.

މި ޕާރޓްނާޝިޕާއި ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާސްޓަރކާޑާ ގުޅިގެން ސަރުކާރުގެ އަމާޒާ އެއްގޮތަށް މާލެ ސިޓީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމަށް އެންމެފަހުގެ އޯޕަން ލޫޕް ޓެކްނޮލޮޖީގެ އެހީގައި މިކަން ހަގީގަތަކަށް ވާނެކަމަކާމެދު ޔަގީންކަން އެބައޮތްކަމަށެވެ.

"ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ މުހިންމުކަން މިވަނީ ހާމަވެފައި. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލު ފެނިގެންދޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޚިދުމަތް ބޭނުންކުރަމުން އަންނަ ދަތުރުވެރިންގެ މޫވްމަންޓް ފަސޭހަކަމާއެކު ބަލާލެވޭ. މާސްޓަރކާޑާ ގުޅިގެން ސަރުކާރުގެ އަމާޒާ އެއްގޮތަށް މާލެ ސިޓީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމަށް އެންމެފަހުގެ އޯޕަން ލޫޕް ޓެކްނޮލޮޖީގެ އެހީގައި މިކަން ހަގީގަތަކަށް ވާނެކަމަކާމެދު އަޅުގަނޑުގެ ޔަގީންކަން އެބައޮތް. މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެންގެ ސަރވިސް ޕްރޮވައިޑަރ އެސްސީ ސޮފްޓް ޕްރައިވެޓް ލިމިޓެޑް ވެދެއްވި އެހީއަށް އަޅުގަނޑު ޝުކުރުދަންނަވަން." އާޒިމް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީއާ ގުޅިގެން ރާއްޖޭގައި މި ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު ގާއިމްކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

"މާސްޓަރކާޑާއެކު އަޅުގަނޑުމެން ދަމަހައްޓަމުންގެންދާ ޕާރޓްނާޝިޕް އިތުރަށް ފުޅާކޮށް އެމް.ޓީ.ސީ.ސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އޯޕަން ލޫޕް ޓްރާންސިޓް ކާޑު ތައާރަފް ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންޓެކްޓްލެސް ޕޭމަންޓް ބޭނުންކުރަން ފެށުމާއެކު ޕޭމަންޓް ލޭންޑްސްކޭޕް މިދަނީ ހަލުވިކަމާއެކީ ކުރިއަރަމުން. ރާއްޖޭގެ އެންމެ ބޮޑު ބޭންކު ގޮތުގައި ބީއެމްއެލް ވާއިރު، ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަކަން ހޯދައިދިނުމަށް އަޅުގަނޑުމެން އަބަދުވެސް އީޖާދީ އަދި ޑިޖިޓަލް ސޮލިއުޝަންސް ހޯދުމަށް މިދަނީ މަސައްކަތްކުރަމުން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލް އިން ދަނީ އައު ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފް ކުރުމުގައި ފައިތިލަ ސާބިތުކުރަމުންނެވެ. މިގޮތުން އޯޕަން ލޫޕް ޓްރާންސިޓް ކާޑު ސިސްޓަމަކީ މާސްޓަރކާޑު ފަދަ ކުންފުނިތަކާ ގުޅިގެން ބޭންކުން ތައާރަފް ކުރާ އީޖާދީ ޚިދުމަތެކެވެ.