ކުޅިވަރު

ރެއާލް ޓީމުގައި ހިމެނުނު ބްރެޒިލުގެ މިޑްފީލްޑަރެއް އީގަލްސްއަށް


ސްޕެއިނުގެ ރެއާލް މެޑްރިޑުގެ ސީ ޓީމުގައި ހިމެނުނު ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ވިނީޝިއުސް ރާއްޖޭގެ ކުލަބު އީގަލްސްއާ ގުޅިއްޖެއެވެ.

ބްރެޒިލުގެ މަޝްހޫރު ކޮރިންތިއަންސްގެ ޖޫނިއާ ޓީމުން ފާހަގަވި ބްރޫނޯ، ރެއާލުގެ ޔޫތު ޓީމާ ގުޅުނީ 2010 ވަނަ އަހަރެވެ. އެ ޓީމަށް 2015 ވަނަ އަހަރާ ހަމައަށް ކުޅުއިރު، 49 މެޗުގހައި އޭނާ ވަނީ ހަތް ލަނޑު ޖަހާފައެވެ. އޭގެ ފަހުން ބްރޫނޯ ކުޅެފައިވަނީ ސްޕެއިނުގެ އެކި ޑިވިޝަނުގެ ކުލަބުތަކުގެ އިތުރުން މޯލްޓާގެ މޮސްޓާ އެފްސީއަށެވެ.

ބްރޫނޯގެ އިތުރުން އީގަލްސްއިން ވަނީ ތަޖިކިސްތާނުގެ މިޑްފީލްޑަރު ޒަރްޑިއޭވް ޖަމޯލިއްދީންގެ ސޮއިވެސް ހޯދާފައެވެ. ޒަރްޑިއޭވް ވަނީ ތަޖިކިސްތާނުގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ. އަދި ތަޖިކިސްތާނުގެ ގިނަ ކުލަބުތަކަށް ކުޅުމުގެ އިތުރުން، ޒަރްޑިއޭވް ވަނީ އިންޑޮނީޝިއާގެ ކުލަބު ބަޑާކް ލަމްޕުންއަށްވެސް ކުޅެފައެވެ.

އީގަލްސްއިން ބިދޭސީ ދެ ކުޅުންތެރިއަކު ގެނައިރު، އެ ކުލަބުން ވަނީ ދާދި ފަހުން ހުސްވެފައިވާ ކޯޗުގެ މަގާމަށް މުހައްމަދު އާތިފް (އާތި) ހަމަޖައްސައިފައެވެ. މީގެ އިތުރުން މިދިޔަ މަހުގެ ޓްރާންސްފާ ބާޒާރުގައި މިސްރުގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު އަޙްމަދު ސޯބީ އާއި ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅުނު ސްޕެއިންގެ މިޑްފިލްޑަރު އެންހެލް މުނޯޒްވެސް ވަނީ އެ ޓީމާ ގުޅިފައެވެ.

މި ވަގުތު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ލީގު އަލުން ފަށާނީ މި މަހު 21 ވަނަ ދުވަހު އެވެ. އީގަލްސް އޮތީ މި ވަގުތު ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 12 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ދެވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.