ކުޅިވަރު

ޓީމުގެ ރޫހު ރަނގަޅުކޮށް ލަންކާ މެޗުން މޮޅުވުން ނޫން ގޮތެއް ނެތް: މޮރިއޭރޯ


ގައުމީ ފުޓްބޯޅަ ޓީމުގެ ރޫހު ރަނގަޅުވާން ޖެހޭ ކަމަށާއި، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ސްރީ ލަންކާ އަތުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ޓީމުގެ ކޯޗު އިޓަލީގެ ފްްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ސެންޓްރަލައިޒްކޮށް އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަނުގެ ދެވަނަ މެޗުން އުޒްބެކިސްތާން އަތުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. އަދި ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ ފުރަތަމަ މެޗުން ރާއްޖެ ބަލިވީވެސް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އަދި ފަހު މެޗުންވެސް ރާއްޖެ ބަލިވީ ހެދުނު މަދު ގޯސްތަކުގެ ސަބަބުން ކަމަށާއި، މި ފެންވަރުގައި ހެދޭ ކޮންމެ ގޯހަކީވެސް އިދިކޮޅު ޓީމަށް ލަނޑު ޖަހަން ދެވޭ ފުރުސަތެއް ކަމަށްވެސް ބުންޏެވެ.

މޮރިއޭރޯ ބުނީ ބަލި ހަޖަމުކުރަން ޖެހޭ ކަމަށާއި، މި ދެ ބައްޔަކީވެސް ރަނގަޅު ދެ މެޗެއް ކުޅެފައިވި ބައްޔެއް ކަމަށެވެ. އަދި ރަނގަޅު ދެ މެޗު ކުޅެ ބަލިވުމުން ކުޅުންތެރިން މެންޓަލީ ދަށްވާނެކަން ގަބޫލުކުރާ ކަމަށާއި، އެކަމަކު އޭނާގެ ފުރިހަމަ އިތުބާރު ކުޅުންތެރިންނަށް އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިވަގުތުގެ ހާލަތަކީ ޓީމުގެ ރޫހު ނެތުން ކަމަށާއި، އެކަން ރަނގަޅުކުރަން ޖެހޭ ކަމަށްވެސް މޮރިއޭރޯ ވަނީ ބުނެފައެވެ.

ކޮލިފައިންގައި އުޒްބެކިސްތާން އަތުން ބަލިވެ، އަންނަ އަހަރުގެ އޭޝިއަން ކަޕުން ރާއްޖެއަށް މިހާރު ވަނީ ފުރުސަތު ގެއްލިފައެވެ. އަންނަ އަހަރު ބާއްވަން ނިންމާފައިވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމުގެ އިތުރުން، ކޮލިފައިން ހަ ގްރޫޕުގެ ދެވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމެކެވެ.

މި ވަގުތު ގްރޫޕް ސީގެ އެއްވަނައިގައި އޮތް އުޒްބެކިސްތާނާއި ދެވަނައިގައި އޮތް ތައިލެންޑަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ލަންކާ އާއި ފުލުގައި އޮތް ރާއްޖެއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ރާއްޖެ ފުލުގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ސްރީ ލަންކާއާއެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު ހަވީރެވެ.