ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ސްޕޯޓްސް ކުލަބު ސިޓީން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، ގުޑީސް ސްޕޯޓްސް ކުލަބު ބަލިކޮށް އޮފު އެފްސީން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗު ސިޓީން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބު އަތުން ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ސިފައިން ލީޑުކޮށްގެން ކުޅުނު ނަމަވެސް، ސެޓުގެ ފަހުކޮޅު ސިފައިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ސިިޓީން މި ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ.
މި މެޗުގެ ދެވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނަގައިގެން ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. މި ސެޓު ސިޓީން ކާމިޔާބުކުރީ 30-28 އިންނެވެ. މި މެޗުގެ ތިންވަނަ ސެޓުގައި ސިފައިންގެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސިޓީން ވަނީ 25-18 އިން ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗު ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކޮށް އޮފު އެފްސީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު އޮފު އެފްސީން ގެންދިޔައީ 25-23 އިންނެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު 25-20 އިން ގެންދިޔައީ ގުޑީސްއެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓުވެސް ލީޑުކޮށްގެން ކުޅެފައިވަނީ އޮފު އެފްސީންނެވެ. އެ ޓީމު މި ދެ ސެޓު ކާމިޔާބުކުރީ 25-23 އަދި 25-21 އިންނެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅެވިގެންދާނީ ލީގު އުސޫލުންނެވެ. މި ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަކީ ޕޮލިސް ކުލަބާއި، ކުލަބު ވެމްކޯ އާއި، އޮފު އެފްސީ އާއި، ގުޑީސް އާއި، ދިވެހި ސިފައިންގެ ކުލަބު އަދި ސްޕޯޓްސް ކުލަބު ސިޓީއެވެ.