ޚަބަރު

ކަރަންޓްގެ ރޭޓަށާއި ސަބްސިޑީއަށް ބަދަލުގެންނަވައިފި


ރާއްޖޭގައި ސަރުކާރުން ދެއްވާ ކަރަންޓްގެ ޚިދުމަތުގެ އަގުގެ ރޭޓްތައް މުރާޖަޢާ ނުކުރައްވާތާ ހަތް އަހަރަށްފު، އެ ރޭޓްތައް މުރާޖަޢާކުރުމަށްފަހު ސަރުކާރުން ގެންނަވާ އެންމެ ބޮޑު ބަދަލަކީ، ކަރަންޓްގެ ރޭޓަށް ބަދަލެއް ގެންނެވުމެވެ.އަނެއް ބަދަލަކީ ކަރަންޓް ސަބްސިޑީގެ ގޮތުގައި ސްޓެލްކޯއާއި ފެނަކައާއި އެމް.ޑަބް.ލިއު.އެސް.ސީއަށް ސަރުކާރުން ދެއްވަމުން އަންނަ ސަބްސިޑީ ދަށް ކުރެއްވުމެވެ.މިކަން ސަރުކާރުން ހާމަކުރެއްވީ މިއަދު އެންވަޔަރމަންޓް މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.ކަރަންޓްގެ ރޭޓް ނުވަތަ ޔުނިޓަކަށް ނަގަމުން އަންނަ ޓެރިފަށް ގެންނެވި ބަދަލަށް ބަލާއިރު، 0 އިން ފެށިގެން 400 ޔުނިޓާ ހަމައަށް ޔުނިޓަކަށް ނަންގަވާ ރޭޓް ވަނީ ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި ދަށްކުރައްވާފައެވެ. އަދި 400 ޔުނިޓަށްވުރެ މަތިވާ ބިލްތަކަށް ނިސްބަތުން ރޭޓް ބޮޑުކުރައްވާ ގޮތަށްވެސް ވަނީ ނިންމަވާފައެވެ.އެންވަޔަރމަންޓް އެންޑް އެނަރޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަތީން ވިދާޅުވީ، އަތޮޅުތަކުގެ %88 ގޭބިސީއާއި، މާލޭގެ %55 ގޭބިސީއަކީ ކަރަންޓްގެ ޔުނިޓް 400 އަށްވުރެ ދަށް ގޭބިސީތައް ކަމަށެވެ. އެހެންކަމުން ކަރަންޓްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެއްވުމުގެ ޔަޤީންކަން ހޯއްދެވުމަށް ސަރުކާރުން އެޅުއްވި މި ފިޔަވަޅަކީ ރައްޔިތުންނަށް ފައިދާކުރާނެ ބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.މި ބަދަލާއެކު، ފެނަކައިން ވަނީ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ރޭޓްތަކުގައި ނަގަމުން އައި ރޭޓްވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެއް ރޭޓަކަށް ބަދަލުކުރައްވާފައެވެ.ސަރުކާރުން ދެން ބަދަލުގެންނެވީ ކަރަންޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދެއްވާ  ފައިސާގެ މިންވަރަށެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި ކުންފުނިތަކަށް ދެއްވަމުން އަންނަ އަދަދު ވަނީ ކުރީގެ ނިސްބަތުން ދަށްކުރައްވާފައެވެ. ސްޓޭޓް މިނިސްޓަރ މަތީން ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް، ކަރަންޓް ސަބްސިޑީއަށް 712 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށާއި، އަލަށް ގެނެވުނު ބަދަލާ ގުޅިގެން ސްޓެކްލޯއަށް ދެއްވަމުން ގެންނެދެވި ސަބްސިޑީ ކަނޑުއްވާލެއްވުމަށްފަހު، ފެނަކައަށް ދެއްވަމުން އަންނަ ސަބްސިޑީ މަދުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މިކަމުގެ ސަބަބުން 500 މިލިއަން ރުފިޔާ އަހަރެއްގެ ތެރޭގައި ސަލާމަތް ކުރެވިގެންދާނެ ކަމަށްވެސް މަތީން ފާހަގަކުރެއްވިއެވެ. އަދި މި ފައިސާ ކަރަންޓްގެ ޚިދުމަތް ތަރައްްގީ ކުރުމަށާއި، ފެނާއި ނަރުދަމާ ފަދަ މަޝްރޫޢުތަކަށް ޚަރަދު ކުރެވިގެންދާނެކަމަށްވެސް މަތީން ވިދާޅުވިއެވެ. ކަރަންޓްގެ ރޭޓަށާއި، ސަބްސިޑީއަށް ގެންނެވި ބަދަލާއެކު، 400 ޔުނިޓަށްވުރެ ދަށުން ބޭނުންކުރާ ގޭބިސީތަކުގެ ބިލަށް 80 ރުފިޔާ އާއި، 135 ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ. އަދި 400 ޔުނިޓަށްވުރެ ގިނައިން ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރާ ނިސްބަތަކުން ބިލަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ފިއުލް ސަރޗާޖްގެ ގޮތުގައި ނަގަމުން އަންނަ އަދަދުތަކަށްވެސް ބަދަލުތަކެއް ގެންނަވާފައިވެއެވެ. މިބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު ބަދަލުވެގެންދާނެ ރޭޓެކެވެ.ކަރަންޓްގެ ރޭޓަށް ގެންނެވި ބަދަލުތަކާއި ސަބްސީޑީއަށް ގެންނެވި ބަދަލާ އެއްގޮތަށް ބިލްކުރެވޭ ބިލް ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނީ މާރޗްމަސް ފެށުމުންނެވެ. މިބަދަލުގެ ސަބަބުން ބިލްތަށް އަންނަ ބަދަލު ބަލާލެވޭގޮތަށް ހިސާބުކުރަން ފަސޭހަ ޓެމްޕްލެޓެއް އެނަރޖީ އޮތޯރިޓީގެ ވެބްސައިޓްގައި ވަނީ ހިމަނުއްވާފައެވެ.ސަރުކާރުން އެކިކަންކަމަށް ދެއްވާ ސަބްސިޑީއަކީ ރާއްޖޭގެ އިޤްތިޞާދަށާއި އަދި ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ފަހިކަމެއް ނޫންކަމަށް އައިއެމްއެފުން ކޮންމެ އަހަރަކު ރާއްޖޭގެ އިޤްތޞާދު ރިވިއުކުރުމަށްފަހު އަންނަނީ ބުނަމުންނެވެ. އަދި ނިމިގެން ދިޔައަހަރުގެ ރިވިއުއަށްފަހު ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަމަގާ ބެހޭގޮތުން އައިއެމްއެފުން ބުނެފައިވަނީ ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުއިވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެންނަމަވެސް މިކަމަށްޓަކައި ސަރުކާރުގެ ސަބްސިޑީގެ ޚަރަދު ކުޑަކުރަންޖެހޭނެކަމަށެވެ.