ސިއްހަތު

ޗައިނާއިން 6 މިލިއަނެއްހާ ރުފިޔާގެ މެޑިކަލް ސާމާނު ހަދިޔާކުރަނީ


ލޮލުގެ ފަރުވާ ދިނުމާއި ލޮލުގެ ސަރޖަރީތަކާއި ގުޅޭ 6 މިލިއަނެއްހާ ރުފިޔާގެ މެޑިކަލް ސާމާނު ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ، ލޮލުގެ ފަރުވާ ދިނުމަށް ބޭނުންކުރާ އާލާތްތަކާއި، މެޝިންތައް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. މިކަމަށްޓަކައި މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާ ދިނުމާއި ލޮލުގެ ސަރޖަރީތަކާއި ގުޅޭ އާލާތް މަދުވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޝާކިރު ވިދާޅުވީ މި ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ޗައިނާ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓްސްތަކަކީ މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިނގް ކޮމިޝަން ގުޅިގެން " ބްރައިޓް ޖަރނީ"ގެ ނަމުގައި މިހާރު ކުރިއަށްދާ އައިކޭމްޕްގައި ބޭނުންކުރަމުންދާ ތަކެތި ކަމަށެވެ.ހަ މިލިއަނެއްހާ ރުފިޔާ މިތަކެއްޗަކީ މިހާރުވެސް ރާއްޖޭގައި ބޭނުންކުރަމުންދާ ތަކެއްޗާއި އެއްގޮތް ތަކެތި ކަމުން، މިކަމުގައި ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ތަމްރީނެއް ބޭނުން ނުވާނެކަމަށާއި އެހެންނަމަވެސް ޗައިނާ ސަރުކާރުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަވާކަމަށް ޝާކިރު ވިދާޅުވިއެވެ.ޝާކިރު ވިދާޅުވީ ހޮސްޕިޓަލްގައި ތަކެތި މަދުވުމުން އެންމެ ފުރިހަމަގޮތުގައި ޚިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވާކަމަށެވެ. އެހެންނަމަވެސް ލިބިގެންދާ އައު އިކުއިޕްމަންޓްތަކާއިއެކު ޚިދުމަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެކަމަށެވެ.ހުޅުމާލޭ ހޮސްޕިޓަލްގައި މިމަހުގެ 28 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އައި ކޭމްޕްގައި މިއަދުގެ ނިޔަލަށް 87 މީހުންނަށް ފަރުވާ ދެވިގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ޝާކިރު ވިދާޅުވީ އަމާޒަކީ 100 މީހުންނަށް ޚިދުމަތް ދިނުންކަމަށް ވީނަމަވެސް، މިހާރުވެސް ވެއިޓިންގ ލިސްޓްގައިވެސް ސަތޭކައަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށެވެ.އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައި ކޭމްޕްގައި ޗައިނާގެ 3 ޑޮކްޓަރުންނާއި ނަރުހަކާއި ޓެކްނީޝަނެއް ޙަރަކާތްތެރިވަމުންދެއެވެ. މިއީ ދިވެހި ސަރުކާރާ ޗައިނާ ސަރުކާރު ގުޅިވަޑައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.