ކުޅިވަރު

އައު ސީޒަނަށް މާޒިޔާއިން ފަރިތަކުރުންތައް ފަށައިފި


ކުރިއަށް އޮތް ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފަރިތަކުރުންތައް ފަށައިފިއެވެ. މިއަދު ހަވީރު ޓާފް ދަނޑުގައި ފެށި ފަރިތަކުރުންތަކުގައި ޓީމުގެ ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާ ކުޅުންތެރިންނަކީ ޓީމްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ، މުޙައްމަދު އިރުފާން އަދި ޓީމާ މި ސީޒަނަށް ގުޅުނު ތިން ކުޅުންތެރިންކަމަށްވާ އައްސަދު އަލީ، މުޙައްމަދު ސަމޫހުގެ އިތުރުން ގާސިމް ސަމާމެވެ. ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މިދިޔަ އަހަރު އީގަލްސްއިން ފެނުނު ޔަސްފާދް ހަބީބް، އަޙުމަދު ރަޝީދު އަދި އިސްމާއިލް އީސާވެސް ފަރިތަކުރުންތަކުގައިވަނީ ބައިވެރިވެފައެވެ. މިދިޔަ ސީޒަންގެ ބޮޑުބައެއް އަނިޔާގައި ހޭދަކުރި މާޒިޔާގެ މުހައްމަދު އުމެއިރު އަދި ހުސައިން ނިޔާޒް މުހައްމަދުވެސްވަނީ މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ސީނިއާ ޓީމަށާއި ޖޫނިއާ ޓީމަށް ކުޅުންތެރިން ނެގުމަށް މާޒިޔާއިން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޓްރަޔަލްތަކުން ފަހަގަކުރެވުނު ދެ ކުޅުންތެރިއަކުވެސް މިއަދު ސީނިއާ ޓީމާއެކު ފަރިތަކުރުންތަކުގައި ފެނިގެންދިޔައެވެ. މި ސީޒަންގައި މާޒިޔާއިން ފެނިގެންދާނެ ބިދޭސީ ކުޅުންތެރީޔާ ޒިވްކޯ އަންނަ މަހުގެ ދެވަނަ ދުވަހު އެންމެ ލަސްވެގެން މާލެ އައިސް ޓީމާއި ގުޅޭނެކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ.އާ ސީޒަންގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އޭއެފްސީ ކަޕްގައި ރަށުން ބޭރުގައި އިންޑިޔާގެ މޯހަން ބާގަންއާއި ދެކޮޅަށް ކުޅޭ މެޗެވެ.