ޚަބަރު

ގދ.ތިނަދޫގައި 25 ޓަނުގެ މަސް ޕްރޮސެސްކުރާ ކާރުޚާނާއެއް


ގދ.ތިނަދޫގައި 25 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ ކާރުޚާނާއެއް އެޅުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބޭ ބާރާއެކު، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް އެހީވުމަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މި މަސައްކަތަކީ ކައުންސިލްގެ އިސްނެގުމަށް، ރަށުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ހުޅުވާލި ފުރުޞަތެއްކަމަށެވެ. ޕްރޮޖެކްޓް ހިންގުމުގެ ބީލަން ކާމިޔާބުކޮށް، މަސައްކަތް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކައުންސިލުން ވިދާޅުވީ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އަދި ބިލްޑް އުސޫލުންކަމަށެވެ. އަދި ކާރުޚާނާ ހިންގާނީވެސް އަޒްރޯވާ މޯލްޑިވްސްއިންކަމަށެވެ.

މި ފެސިލިޓީ ޤާއިމުކުރުމަށް 230000 (ދެ ލައްކަ ތިރީސް ހާސް) އަކަފޫޓުގެ ބިމެއް ރަށުގެ އިންޑަސްޓްރިއަލް ޒޯނުންވަނީ ކަނޑައަޅާފައެވެ. މި ޕްރޮޖެކްޓްގައި ތެރޭގައި ހިމަނައިގެން 1500 ޓަނުގެ މަސް ފިނިކުރާ ނިޒާމެއްވެސް ޤާއިމުކުރާނެއެވެ.

"ސަރުކާރުންވެސް ވަނީ މި ރަށުގައި 1000ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމަށް ނިންމާފައި. އެހެންވީމައި މަސް ކިރުމުގައި މަސްވެރިންނަށް އޮތް ދަތިކަމަށް ބޮޑު ޙައްލެއް ލިބޭނެ." ސަޢުދު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ތިނަދޫގައި ބައިނަލްއަޤްވާމީ ސަރަޙައްދީ ވިޔަފާރި ބަނދަރެއްވެސް ތަރައްޤީކުރަމުންނެވެ. މީގެ މަސައްކަތްތައްވެސް މިހާރު ފަށާފައިވާއިރު، ޕޯޓާއިއެކު މަސް ފެކްޓްރީގެ ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ޚާއްސަކޮށް މަސް އެކްސްޕޯޓް ކުރުމުގައި، އަޒްރޯވާ މޯލްޑިވްސްއަށް އޮތް ޔަގީންކަން އިތުރުވާނެކަމަށް ވިދާޅުވިއެވެ.

މިއީ މީހުން ދިރިއުޅޭ ރަށެއްގައި ހަދާ މިފަދަ އެންމެ ބޮޑު ފެސިލިޓީއެވެ. ސަޢުދު ވިދާޅުވީ މީގެ އެންމެ ބޮޑު މަންފާއެއް ރަށަށް ކުރާނީ، ރަށުގައި އުފެދޭނެ އާ ވަޒީފާގެ ފުރުޞަތުތަކާއެކު ކަމަށެވެ.

"ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތެއް. ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ މަސައްކަތަކަށް ވާނެ." ސަޢުދު ވިދާޅުވިއެވެ.

މިކާރުޚާނާއާއެކު ރަށަށް އިތުރު 150އެއްހާ ވަޒީފާގެ ފުރުޞަތު ހުޅުވޭނެއެވެ.

އަދި ސަރަޙައްދުގެ މަސްވެރިކަން ފުޅާކުރުމަށްވެސް އިތުރު ފުރުޞަތަކަށް ވާނެއެވެ. ތިނަދޫގައި މިހާރުވެސް މަސްވެރިކަމަށް ނިކުންނަ 17 އުޅަނދު އޮވެއެވެ. އަދި އިތުރު އޮޑިފަހަރުވެސް މި ސިނާޢަތަށް ނެރުމަށް ވަނީ ތައްޔާރުވެފައެވެ.

މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ގާތްގަނޑަކަށް 200މިލިއަން ރުފިޔާއަށް އަރައެވެ.