ފެލިވަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ 4000ޓަނުގެ މަސް ފިނިކުރާ ފެސިލީޓީ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ޖުލައި މަހު ފަހުކޮޅު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފިއެވެ. މިއީ މިހާތަނަށް ފެލިވަރުގެ ތަރައްޤީއަށް ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުއެވެ.
މަސް ޕްރޮސެސް ކުރުމަށް ޚާއްސަ ފެސިލިޓީއެއްގެ ގޮތުގައި ފެލިވަރު ތަރައްޤީކޮށް ޚިދުމަތް ފެށީ މީގެ 35 އަހަރު ކުރިންނެވެ. ފެސިލިޓީ ފުރަތަމަ ހުޅުވިގެން ދިޔައީވެސް 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ނިޒާމަކާއެކުއެވެ. އަދި މިހާރު 35 އަހަރު ފަހުންވެސް މި އަދަދަށް އެއްވެސް ބަދަލެއް ނާދެއެވެ.
ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތްވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ޒަމާނީ އުޅަނދުތަކާއި ވަސީލަތްތަކާއެކު އެތައް ބަޔަކުދަނީ މަސްވެރިކަމުގެ ސިނާޢަތަށް ވަންނަމުންނެވެ.
މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި މިވަނީ މަސް ބާނާ މިންވަރާ އަޅާކިޔާއިރު، މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމެވެ. ރާއްޖެ ކުރިއަރައިގެން ދިޔައިރު، މި ސިނާއަތުން އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް ވަރަށް މަދެވެ.
ފެލިވަރު ތަރައްޤީކުރުމުގެ 45 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢު ސަރުކާރުން އިޢުލާންކުރެއްވީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ.
އަދި މިދިޔަ އަހަރުވަނީ މަޝްރޫއުގެ މުހިންމު ޢަމަލީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތަކީ މަސްކިރުމަށް ޚާއްސަ ބަނދަރެއް ތަރައްޤީކުރުމާއި، އަދި މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމެވެ.
މި މަސައްކަތަށް ބޭނުންވާ 6 ހެކްޓަރުގެ ބިން، އެމްޓީސީސީއާއި ހަވާލުކޮށް މިހާރުވަނީ ގާތްގަނޑަކަށް ހިއްކާ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތެވެ. މިއީ 220 މީޓަރުގެ ބޮޑު ބަނދަރެކެވެ. ބަނދަރު ތަރައްޤީކުރަނީ އޮޑިދޯނިފަހަރު ކައިރިކޮށް ފަސޭހައިން މަސް ކިރޭނެ ގޮތާއި، އަދި ބޭރަށް މަސް އެކްސްޕޯޓްކުރާ ބޯޓުފަހަރު ބަނދަރާ ކައިރިކޮށް ފަސޭހައިން ޝިޕްމަންޓް އެރުވޭނެ ފެސިލިޓީއާއެކުއެވެ.
ޕްރޮޖެކްޓްގެ މަޢުލޫމާތު ޙިއްސާކުރަމުން މިފްކޯއިން ބުނެފައިވަނީ، ބިން ހިއްކުމާއި ބަނދަރާއި ގުޅޭ ހުރިހާ މަސައްކަތްތައް އަންނަ ޖެނުއަރީ މަހު ނިންމާނެކަމަށެވެ.
މިހާރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރަނީ، ފެސިލިޓީތައް ޤާއިމުކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތެކެވެ. މީގެތެރެއިން ފެލިވަރުގައި ތަރައްޤީކުރާ 4000 ޓަނުގެ މަސް ފިނިކުރާ ނިޒާމުގެ މަސައްކަތުގެ އެއްބަސްވުމުގައި އަންނަ ޖުލައި މަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. އަދި ސޮއިކުރާތާ މަހެއްހާ ދުވަހުގެ މުއްދަތުގައި، މަސައްކަތަށް ބޭނުންވާ ސާމާނު މޮބިލައިޒްކުރަން ފަށާނެއެވެ. މި މަސައްކަތް ހަވާލުކުރަނީ އިންޑިއާގެ ކުންފުންޏަކާއެވެ.
މި ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް ބޭނުމަކީ މަސް ޕްރޮސެސްކުރާ މިންވަރު އިތުރުކުރުން ނުވަތަ ދަޅުގައި މަސް ބަންދުކުރާ މިންވަރު އިތުރުކޮށް އާމްދަނީ އިތުރުކުރުމެވެ. އެގޮތުން 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތްވެސް ކޮންޓްރެކްޓަރަކާއި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މި ޕްރޮޖެކްޓް ވެގެންދާނީ މަސްވެރިކަމުގެ ދާއިރާއަށް އަންނާނެ ބޮޑު ކުރިއެރުމަކަށެވެ. ޚާއްސަކޮށް އުތުރުގެ މަސްވެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.
ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިނޭންސް ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައެވެ.