ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ހަތަރެއްގައި ވޭލްސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ވޭލްސްގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބެލްޖިއަމުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާއުފައްދާފައިވަނީ ވޭލްސްއިންނެވެ. މިމެޗްގެ ކުރީކޮޅުގައި ވޭލްސްގެ އީތަން އެމްޕާޑޫ ޖެހި ލަނޑަކާއެކު އެ ޓީމަށް ލީޑު ލިބިގެންދިޔައީ ކަމަށް ހީވެގެންދިޔަ ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ވަނީ އެ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
އެއާއެކު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖެހީ ބެލްޖިއަމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ވޭލްސްއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހައިދިނީ ބްރެނަން ޖޯންސަންއެވެ. މިއީ އޭނާ ވޭލްސްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި މެޗް އެއްވަރުވުމާއެކު ކުޅުނު ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ބެލްޖިއަމް އުޅެނީ ގްރޫޕްގެ ދެވަނައިގައެވެ. އަދި ވޭލްސް އުޅެނީ ތިން މެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.