ކުޅިވަރު

އިންގްލަންޑާއި އިޓަލީގެ ކުރިމަތިލުން އެއްވަރު


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ތިނެއްގައި އިންގްލަންޑާއި އިޓަލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އިންގްލަންޑުގައި ކުޅުނު މި މެޗް ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.

މިއީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރި ފަހުން މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ މެޗެވެ. ނަމަވެސް މި މެޗްގައި ވާދަކުރި ދެ ޓީމަށްވެސް ގިނަ ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމާ ގުޅިގެން އިޓަލީ ޓީމު އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ރޮބާޓޯ މަންޗީނީ، މި މެޗަށްވެސް ޒުވާން ޓީމެއް ނެރުނުއިރު، ވޯލްޑް ކަޕުން ޖާގަ ހޯދާފައިވާ އިންގްލަންޑުންވެސް ނެރުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަޖުމަބެލުމުގެ ޓީމެކެވެ.

މި މެޗްގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. މިމެޗްގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗް އެއްވަރުވުމާއެކު މިފަހަރުގެ ނޭޝަންސް ލީގުގައި އިންގްލަންޑަށް އަދި މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިހާތަނަށް ކުޅުނު ތިން މެޗްގެ ތެރެއިން ހަންގޭރީ އަތުން އެ ޓީމު ބަލިވިއިރު، އެންމެ ފަހުން ކުޅުނު މެޗްގައި ޖަރުމަނާ ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މިވަގުތު އިންގްލަންޑް އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. އަދި ކުޅުނު ތިން މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު އިޓަލީ އުޅެނީ ގްރޫޕްގެ އެއްވަނައިގައެވެ.