ޚަބަރު

ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް އެޅުމަށް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި


ހއ.ދިއްދޫގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫއެކެވެ. ހއ.ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތްކުރުމަށް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގައެވެ.

ޖޫނިއަރ ކޮލެޖް އަޅާ ސަރަޙައްދު ރަސްމީކޮށް ހަވާލުކުރުމަށް ވަނީ ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން 'ސައިޓް ހޭންޑް-އޯވަރ މީޓިންގ' އެއް ދިއްދޫގެ ކައުންސިލް އިދާރާގައި ބާއްވާފައެވެ. އަދި ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކޮށް ޕްރޮޖެކްޓް ސައިޓުގެ މަޢުލޫމާތު ކޮންޓްރެކްޓަރަށް ދިނުމާއި، މަސައްކަތް ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތަކާގުޅޭ ގޮތުން މަޝްވަރާ ކުރެވި، ސައިޓް ހޭންޑްއޯވަރ ނޯޓުގައި ސޮއިކުރެވުނެވެ. މި މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓާ ހަވާލު ކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ހިއްކި ސަރަޙައްދުން މިކަމަށް ކަނޑައަޅުއްވައި ދެއްވާފައިވާ 30،000 އަކަފޫޓްގެ ޖާގައިގައެވެ.

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ.

ހއ.ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި ޕްރޮޖެކްޓްގެ މިހާރު ކުރިއަށްދާ ފިޔަވަހީގައި ކުރެވޭނީ އިންސްޓިޓިއުޓް ބްލޮކެއްގެ މަސައްކަތް އެކަނި ކަމުގައިވިޔަސް، ކުރިޔަށްއޮތް ފިޔަވަހީގައި އެކޮމަޑޭޝަން ބްލޮކެއް އެޅުމުގެ މަސައްކަތް ކުރާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާ ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ވަނީ ހިމަނާފައެވެ.