ދުނިޔޭގެ ވިޔަފާރި

ޕާކިސްތާނުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވެއްޖެ


ޕާކިސްތާނުގެ އާބާދީއަށް ބަލާއިރު އެ ޤައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވެއްޖެއެވެ.

2021 ވަނަ އަހަރު ޕާކިސްތާނުން ބޭރުން ވަޒީފާ ހޯދާ މީހުންގެ ޢަދަދު ވަނީ %27.6 އަށް އަރާފައެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު އިތުރު ޢަދަދެކެވެ.

ޤައުމުން ބޭރުގައި ވަޒީފާ އަދާކުރުމަށް 286648 މީހުން 2021 ވަނަ އަހަރު ޕާކިސްތާނުގެ ބިއުރޯ އޮފް އިމިގްރޭޝަން އޯވަސީސް އެމްޕްލޯއިމެންޓްގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިޢަދަދު އިތުރުވެފައިމިވަނީ ޕާކިސްތާނުގެ ވަޒީފާގެ ބާޒާރު ދަށަށް ދިއުމާއިގުޅިގެންނެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޕާކިސްތާނުގައި ވަޒީފާ ލިބުން ވަނީ އިތުރަށް ދަތިވެފައެވެ. މީހުން ވަޒީފާ އަދާކުރަން ދާން ބޭނުންވާ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން އެދިފައިހުރީ ސަޢޫދީ ޢަރަބިއާ އާއި އޯމާން އަދި ގަތަރުގައި ވަޒީފާ އަދާކުރަން ދިއުމަށެވެ. މިކަމާއިގުޅިގެން ގިނަ ބަޔަކު ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާންޚާންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދާދިފަހުން ޕާކިސްތާނުގައި ހަދާފައިވާ ސާވޭއަކުން ދައްކާގޮތުގައި ސާވޭގައި ބައިވެރި މީހުންގެ %43 މީހުން ވަނީ އިމްރާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިންފްލޭޝަން ކޮންޓްރޯލް ނުކުރެވި ޕާކިސްތާނުގެ އިޤްޠިޞާދީ ދުވެލި ހަލުއި ނުކުރެވުނީވެސް އޭރުގެ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމަށް އެމީހުން ބުނެއެވެ. ޕާކިސްތާނުގެ އިޤްޠިޞާދީ އޮނިގަނޑު ހީނަރުވެފައިވާ ކަމަށް އެޤައުމުގެ ތަރައްޤީގެ ދުވެއްޔާއި ބެހޭގޮތުން ވޯލްޑް ބޭންކުން ދާދިފަހުން ވަނީ ބުނެފައެވެ. މީގެތެރޭގައި އިންވެސްޓްމެންޓްތައް މަދުވުމާއި އެކްސްޕޯޓުކުރާ މިންވަރު ދަށްވުން ވެސް ހިމެނެއެވެ.

ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ދަތިކަމުގެ ސަބަބުން މިއަހަރާއި އަންނަ އަހަރުވެސް އެޤައުމުގެ ޖީޑީޕީ ދަށްވާނެކަމަށް ޕާކިސްތާނުން ވަނީ ލަފާކޮށްފައެވެ. އާމްދަނީ އިތުރުކޮށް ޚަރަދުކުރާ މިންވަރު ކުޑަކޮށް ޤައުމުގެ ދަރަނި ކުޑަކުރެވޭތޯވެސް ޕާކިސްތާނުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ މިހާރު ވަނީ 9.7 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއާއިއެކު ޕާކިސްތާނުގެ ފައިސާ ކަމަށްވާ ރުޕީގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އަދި ތަކެތީގެ އަގު އުފުލި އާންމުންގެ އަތްމަތިވަނީ ދަތިވެފައެވެ.