ކުޅިވަރު

ޑެންމާކް ބަލިކޮށް ކްރޮއޭޝިއާއަށް ފުރަތަމަ މޮޅު


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް އެކެއްގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ކްރޮއޭޝިއާއިން ކާމިޔާބުކުރީ ރަށުން ބޭރުގައި ކުޅެ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކްރޮއޭޝިއާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޑެންމާކްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗްގައި ކްރޮއޭޝިއާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާދިނީ މާރިއޯ ޕަސަލިޗްއެވެ. މިއީ މިފަހަރުގެ ނޭޝަންސް ލީގުގައި ކްރޮއޭޝިއާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. ނަމަވެސް މީގެކުރިން ފަރަންސޭސިވިލާތާއި ވަނީ އެއްވަރު ކޮށްފައެވެ.

މިކާމިޔާބީއާއެކު ކްރޮއޭޝިއާ މިވަނީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. އަދި ކްރޮއޭޝިއާ ވަނީ ހަތަރު ޕޮއިންޓް ލިބި، ގްރޫޕްގެ ތިންވަނައަށް އަރާފައެވެ. އަދި ޑެންމާކް އުޅެނީ ތިން މެޗުން ލިބިފައިވި 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ.