ވިޔަފާރި

ދިވެހި ފައިސާގެ އާ ނޫޓް މާދަމާ ބާޒާރަށް !


ދިވެހި ފައިސާގެ އާ ނޫޓު މާދަމާ ނެރޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.މާދަމާ އޮންނަ ރަސްމިއްޔާތުގައި މި ނޫޓު ބާޒާރަށް ނެރެދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެމްއެމްއޭއިން ވިދާޅުވީ، "ރަން ދިހަ ފަހެއް"ގެ ނަމުގައި ނެރޭ އާ ނޫޓު އާއްމުންނަށް ވެސް މާދަމާއިން ފެށިގެން ބޭންކުތަކުގެ އޭޓީއެމްތަކުން ލިބެން ހުންނާނެކަމަށެވެ. އޭޓީއެމްތަކުން އާ ނޫޓު ލިބެން ފަށާނީ، މާދަމާ މެންދުރު ފަހު 2:00 ގައެވެ. އައިޖީއެމްއެޗްގައި އަލަށް ހަދާ ބީއެމްއެލް ސެލްފް ސާރވިސް ކިއޮސްކްގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި އޭޓީއެމްތަކުން އާ ނޫޓު ލިބޭނެ ގޮތް އިފްތިތާޙުކޮށްދެއްވާނީ، އެމްއެމްއޭގެ ގަވަރުނަރ ޑރ.އަޒީމާ އާދަމްއާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އާ ނޫޓުގެ އެންމެ ފުރަތަމަ މުއާމަލާތް ކުރުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ހެނދުނު ދަތުރުވެރިންގެ މާރުކޭޓުގައިކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ރަސްމީކޮށް ނޫޓު ބޭނުންކުރަން ފެށުމުން ބޭންކުތަކުން އާ ނޫޓު ލިބެން ހުންނާނެކަމަށާއި، އާ ނޫޓު ނެރުމަށްފަހު، ކ.ގުރައިދޫގައި ހުންނަ ފިހާރައެއްގައި ވެސް އެ ނޫޓު ބޭނުންކޮށްގެން މުއާމަލާތެއް ކުރަން ވަނީ ހަމަޖެހިފައި ކަމަށެވެ. އާ ނޫޓު ސީރީސްއަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަދި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ނޫޓްތަކެއް ކަމަށް އެމްއެމްއޭއިން ކުރިންވެސްވަނީ ހާމަކުރައްވާފައެވެ. އަލަށް ތައާރަފު ކުރި ނޫޓުތައް ޗާޕްކޮށްފައި ވަނީ، ޕޮލިމާގައެވެ. އާ ނޫޓް ސީރީޒްގައި ހިމެނެނީ، 10، 20، 50، 100، 500 އަދި ފުރަތަމަ ފަހަރަށް ތައާރަފުކުރި 1000 ރުފިޔާގެ ނޫޓެވެ.