ޚަބަރު

އަމާޒަކީ މިއަހަރު ފަހުކޮޅު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް މުދާ އުފުލަން ފެށުން - އެމްއެސްއެސް


އަމާޒަކީ އިތުރު ކޮންޓެއިނަރ ބޯޓެއްގައި، މިއަހަރު ފަހުކޮޅު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް މުދާ އުފުލަން ފެށުން ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްއިން މިހާރުވަނީ އަމިއްލަ 3 ބޯޓު ގަނެފައެވެ. މީގެތެރެއިން 2 ބޯޓުގެ ދަތުރުތައް މިހާރުވަނީ ފަށާފައެވެ. އެއީ އެމްއެސްއެސް ގެލީނާ އާއި އެމްއެސްއެސް ކުރޮމްއެވެ. އެމްއެސްއެސް ގެލީނާގެ ދަތުރުތައް ބާއްވަނީ ރާއްޖެއާއި ލަންކާއާ ދެމެދުއެވެ. އަދި އެމްއެސްއެސް ކުރޮމްގެ ދަތުރުތައް ބާއްވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދުއެވެ. ކުރޮމްއަކީ ބަލްކު ކެރިއަރއެކެވެ. މި ބޯޓުގައި ރާއްޖެއަށް އެތެރެކުރަނީ ކޮންސްޓްރަކްޝަން ސާމާނެވެ.

އެމްއެސްއެސްގެ ތިންވަނަ ބޯޓު އެމްއެސްއެސް ގްރެފިންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ބޯޓުގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ސިންގަޕޫރާއި މެލޭޝިއާ އާއި ރާއްޖެއާ ދެމެދުއެވެ. މި ދަތުރުތަކުގައި ބޭނުންކުރާ އެމްއެސްއެސް ގުރެފިން އަކީ، 790 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ރީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، އެމްއެސްއެސް ގުރެފިންގެ ދަތުރުތައް އަންނަމަހުގެ ފަހުކޮޅު ފަށާނެ ކަމަށެވެ.

" ގްރެފިން މިމަހުގެ 23ވަނަ ދުވަހު ލިބޭނެ، މާލެ އައުމަށްފަހު ރަޖިސްޓްރީ ބަދަލުކޮށް، ދިވެހި ދިދައަށް ބަދަލުކޮށް، ޖުލައިމަހު ގުރެފިން ސަރވިސްއަށް ގެނެވޭނެ،. ޕްލޭނަކީވެސް ޖުލައިމަހު ކޮންމެވެސް ހިސާބެއްގައި، ސިންގަޕޯރއަށް ފެށްޓުން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެ އެކުންފުނީގެ އަމާޒަކީ ގުރެފިންގެ ދަތުރުތައް ފެށުމަށްފަހު، އިތުރު މަންޒިލަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ފެށުން ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު މެދުއިރުމައްޗަށް ދަތުރުތައް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސައީދު ވިދާޅުވިއެވެ.

" ޕްލޭންގައި މިއޮތީ ސިންގަޕޯރއަށްފަހު، ޔޫ.އޭ.އީ މިޑިލް އީސްޓު ކޮޅު ފަށްޓަން،. އެ ހިސާބަށް ދާންވާއިރަށް ޑިސައިޑުކުރާނަން ގަންނާނެ ސައިޒުގެ ބޯޓު، ސިންގަޕޯރކޮޅު ހަމައަކަށް އެޅުނީމައި ޔޫ.އޭ.އީއަށް ފެށޭނީ. އެހެންވީމަ ބެލެވެނީ ސެޕްޓެމްބަރ އޮކްޓޯބަރ ހިސާބުއޭ އެ ހިސާބަށް ދަތުރު ފެށިގެންދާނީ." ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްގެ ދަތުރުތައް ފަށާފައިވަނީ 2020ވަނަ އަހަރުތެރޭއެވެ. އެއީ ކޯވިޑުގެ ދަތި އުދަނގޫ ދުވަސްވަރެވެ. ގިނަ ގޮންޖެހުންތަކާއި އެކުވެސް އެމްއެސްއެސްއަކީ މިހާރު ފައިދާވާ ކުންފުންޏެއްކަން ސައީދު ފާހަގަކުރެއްވިއެވެ.