ދުނިޔޭގެ ވިޔަފާރި

ވިޔަފާރި ފުޅާކުރުމަށް ޗައިނާއާއި ރަޝިޔާ، ފާލަމަކުން ގުޅައިލައިފި


2 ޤައުމުގެ ދެމެދުގައި ވިޔަފާރިތައް ފުޅާކުރުމަށް ރަޝިއާއާއި ޗައިނާ ފާލަމަކުން ގުޅައިލައިފިއެވެ.
ރަޝިއާގެ ބްލޯގާވިޝްކް ސިޓީން ޗައިނާގެ ހިއަހާ ސިޓީއަށް އަޅާފައިވާ މި ފާލަމުގެ ދިގުމިނަކީ އެއް ކިލޯމީޓަރެވެ. މި ފާލަން ހަދަން 342 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ.

ފެބްރުއަރީ މަހު ރަޝިއާއާއި ޗައިނާއިން އިޢުލާނުކޮށްފައިވާ "ނޯ ލިމިޓް" ޕާޓްނާޝިޕްގެ ފަހުން އަޅާފައިވާ މި ފާލަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިތައް ފުޅާވެގެންދާނެ ކަމަށް ރަޝިއާގެ އޮތޯރިޓީންތަކުން ބުނެއެވެ. އަދި މި ފާލަމުގެ ސަބަބުން އަހަރަކު އެއް މިލިއަން ޓަނަށްވުރެ ގިނަ މުދާ ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރޭވޭނެކަމަށްވެސް ރަޝިއާއިން ބުނެއެވެ.

ޗައިނާއާއިއެކު ކުރާ ވިޔަފާރިތަކުގެ އަގު 2024 ވަނަ އަހަރު އަންނަންވާއިރަށް 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރާކަމަށްވެސް އޭޕްރީލްމަހު ރަޝިއާއިން ވަނީ ބުނެފައެވެ. ޗައިނާއިން ބޭނުންވަނީ ހުރިހާ ގޮތަކުންވެސް ރަޝިއާއާއި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްކަމަށް ޗައިނާއިންވެސް ބުނެއެވެ.

2016 ވަނަ އަހަރު ފެށި މި ފާލަމުގެ މަސައްކަތް ނިންމާފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމާއިހެދި ފާލަން ނުހުޅުވިވަނީ ދިގުލައިގެންގޮސްފައެވެ. މި ފާލަމުން ދަތުރުކުރާ ކޮންމެ އުޅަނދެއްވެސް 150 އެމެރިކާ ޑޮލަރު ދައްކަންޖެހެއެވެ. ޗައިނާއަކީ ރަޝިއާއިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެންމެ ގިނައިން ގަންނަ އެއްޤައުމެވެ.