ވިޔަފާރި

މިއަހަރުގެ ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑަކީ 2014ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަފާރީތަކަށް ޚާއްސަ ކޮށްދެވޭ އެވޯޑެކެވެ. އެވޯޑް ދިނުމުގެ މަޤްސަދަކީ އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުންކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.

މިއަހަރުގެ ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އަދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

މިއަހަރުގެ ބޯޓިން އެވޯޑްސްގައި ތަފާތު 29 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި އަމިއްލަގޮތުންނާއި އަދި ކުންފުނިތަކުގެ ބައިންވެސް އެވޯޑްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޯވިޑް-19 އާއި ގުޅިގެން ފާއިތުވި 2 އަހަރުވެސް މި އެވޯޑް ހަފްލާ ބޭއްވިފައެއް ނުވެއެވެ. މިއަހަރުގެ އެވޯޑް ހަފްލާ އޮންނާނީ އަންނަ ނޮވެމްބަރ މަހުގައެވެ.

މި އެވޯޑަށް އަމިއްލައަށްވެސް އަދި އެހެން ފަރާތަކަށްވެސް ނޮމިނޭޓްކުރެވިދާނެއެވެ. ނޮމިނޭޓްކުރާ ހުރިހައި ފަރާތަކީވެސް ބޯޓިން އެސޯސިއޭޝަންގެ މެންބަރަކަށް ވާންޖެހޭނެއެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި އެންމެ ޙާއްސަ 2 އެވޯޑެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބޯޑިން ދާއިރާގެ އެންމެ އައުޓްސްޓޭންޑިން ފަރާތާއި، މިދާއިރާއަށް ޙިދުމަތްކުރުމުގެ ސަބަބުން އެކަން ބަލައިގަނެދޭ ޚާއްސަ ރިކޮގްނިޝަން އެވޯޑެވެ.