މުނިފޫހިފިލުވުން

ޖޮނީ ޑެޕް ކާމިޔާބީ ފާހަގަކުރީ 62 ހާސްޑޮލަރުގެ އިންޑިއާ ކެއުމަކުން


ހޮލީވުޑް ތަރި ޖޮނީ ޑެޕާއި ކުރީގެ އަނބިމީހާ އެމްބާ ހާޑް ކައިވެނިކޮށްގެން އުޅުނުއިރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވާ ދެއްކި ވާހަކައަށް ފަހު އެކަކު އަނެކަކުގެ މައްޗަށް ކުރި އަބުރުގެ ދައުވާގައި ޑެޕަށް ކާމިޔާބު ލިބުނުކަން ކޯޓުން ނިންމީ މިމަހުގެ އެއް ވަނަ ދުވަހުއެވެ.

ވާޖީނިއާގެ ކޯޓުން މި ނިންމުން ނިންމިއިރު ޑެޕްހުރީ ޖެފްބެކް އާއިއެކު އިނގިރޭސިވިލާތުގައި ޝޯއެއް ހުށަހަޅަން ގޮހެވެ. ލިބުނު ބޮޑު ކާމިޔާބީ ޑެޕް އެވަގުތު ފާހަގަކުރީ ބާމިންގްހަމްގައި ހުންނަ ވަރަނާސީ ކިޔާ އިންޑިއާ ރެސްޓޯރެންޓެއްގައެވެ.

ޖެފްބެކްގެ އިތުރުން ޑެޕާއިއެކު އޭނާގެ ގާތް 20 ރަހުމަތްތެރިން އެކުގައި މި ރެސްޓޯރަންޓަށް ގޮސް ވަނީ ކައިފައެވެ. މި ކެއުމަށް ޑެޕް ވަނީ 62000 އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. ޑެޕްވަނީ އެވަގުތު ރެސްޓޯރެންޓުގައި ތިބި އޭނާގެ ފޭނުންނާއިއެކު ފޮޓޯވެސް ނަގާފައެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ އެވަގުތު ރެސްޓޯރަންޓްގައި ތިބި މީހުންނާއި ޑެޕް ވާހަކަ ދައްކާ މަޖާކުރާތަނެވެ. ހާއްސަކޮށް އެތަނުގައި އުޅުނު ކުޑަކުދިންނާއި އެކު މަޖާކުރާތަންވެސް ފެނެއެވެ.

ވަރަނާސީ ރެސްޓޯރެންޓުގެ އޮޕަރޭޝަން ޑައިރެކްޓަރު މުޙައްމަދު ހުސައިން ބުނިގޮތުގައި ޑެޕް އަންނަ ވާހަކަ ރެސްޓޯރެންޓަށް އަންގަން ގުޅި ކޯލުން އޭނާ ލިބުނީ ޝޮކެއް ކަމަށެވެ. އަދި ޖޮނީ އައުމުގެ ކުރިން އޭނާގެ ސެކިއުރިޓީން އައިސް ރެސްޓޯރެންޓް ޗެކްކުރިކަމަށްވެސް މުޙައްމަދު ބުންޏެވެ. މި ރެސްޓޯރަންޓްގައި ޖޮނީ ވަނީ ގާތްގަޑަކަށް 5 ގަޑިއިރު ހޭދަކޮށްފައެވެ.

އެމެރިކާގެ މަޝްހޫރު އެކްޓަރ ޖޮނީ ޑެޕްގެ ކައިރިން އޭނާގެ އަންހެނުން ބަތަލާ އެމްބާ ހާޑް މީގެ ތިން އަހަރު ކުރިން ވަރިވީ ޑެޕް ގެވެށި އަނިޔާކުރާކަމަށް ބުނެއެވެ. މި ތުހުމަތުތަކާއި ގުޅިގެން މި ދެ ތަރިން ކޯޓުގައި ކޯޅުން ފެށުނީ ޑެޕް ވާޖިނިއާގެ ކޯޓަކަށް އެ މައްސަލަ ހުށައެޅުމުންނެވެ.

މި ދައުވާ ކާމިޔާބުކުރީ ޖޮނީއެވެ. މައްސަލަ ނިންމާ އިއްވިި ހުކުމްގައި ބުނެފައިވަނީ އެމްބާ ހާޑް ޖޮނީގެ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާކަމަށެވެ. އެހެންކަމުން އަބުރުގެ ބަދަލެއްގެ ގޮތުގައި 15 މިލިއަން ދިނުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެމްބާގެ ހުށައެޅުންތަކަށް ބަލާ ޑެޕްގެ ވަކީލުން ދެއްކި ވާހަތަކުން އެމްބާގެވެސް އަބުރަށް ގެއްލުން ލިބިފައިވާކަމަށް ކޯޓުން ކަނޑައަޅާ އެކަމުގެ ބަދަލެއްގެ ގޮތުގައި 2 މިލިއަން ރުފިޔާ އެމްބާ އަށް ޖޮނީ ޑެޕް ވެސް ދައްކަން ޖެހެއެވެ.

ކޯޓްގެ އަޑުއެހުންތައް ނިމުމާއިއެކު ޑެޕް އިތުރު ފިލްމަކަށް ސޮއިކުރިކަމުގެ ހަބަރުވެސް ވަނީ އިވިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑެޕް ސޮއިކުރީ ޓިމް ބާޓަންގެ ފެންޓަސީ ޑްރާމާ "ބީޓްލްޖޫސް" ގެ ދެވަނަބައިގެ ރޯލަކަށެވެ. މި ވާހަކަތަކަށް ޑެޕްވެސް "ބީޓްލްޖޫސް" ގެ ޕްރޮޑަކްޝަން ޓީމުންވެސް އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.