ޚަބަރު

ވަގު ފޯމުތަކުގެ މައްސަލަ ހައްލު ކުރެވޭނީ މިކަންކުރުމުގެ އަސްލު ނައްތާލެވިގެން: އިލެކްޝަންސް


ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކޮށް، އޮޅުވާލައިގެން އެއްޕާޓީން އަނެއްޕާޓީއަށް މެމްބަރުން ބަދަލު ކުރަމުންދާ މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ، މިމައްސަލައިގެ އަސްލު ނައްތާލެވިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިމައްސަލަ ހައްލުކުރުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ބަންޑާރަ ނައިބު އޮފީހަށްވެސް ހުށަހަޅާފައެވެ.

ސިޔާސީ ޕާޓީތަކުގައި ހިމެނޭ މެމްބަރުންނަށް ނޭގި ޕާޓީތައް ބަދަލު ކުރުމާއި، އާންމު ރައްޔިތުންގެ ތެރެއިން ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ނުހުންނަ މީހުން ޕާޓީތަކަށް ވައްދާ މައްސަލައަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން މިހާތަނަށް އައިއިރުވެސް ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ. އިލެކްޝަންސް ކޮމިޝަނުން ދަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްގެން މިމައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޮޅުވާލައިގެން ޕާޓީތަކަށް މެމްބަރުން ވައްދާ މައްސަލާގައި ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރުމުގެ އުސޫލަށް އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލު ކުރަން ވަނީ ފަށާފައެވެ.

ޕާޓީތަކަށް އޮޅުވާލައިގެން މެމްބަރުން ވައްދާ މައްސަލާގައި ޕީއެސްއެމްގެ ބާބު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މިކަން ކުރުމުގެ އަސްލު ނައްތާލެވިގެން ކަމަށެވެ. ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމާއި، ވެއްދުމުގެ އެންމެ ބޮޑު މަޤްސަދަކީ، ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ފައިސާ ދޫކުރުން ކަމަށް ހަސަން ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ.

މިމައްސަލަ ހައްލު ކުރެވޭނީ ޕާޓީތަކުގެ ދަފްތަރު އެޕާޓީއަކުން ބަލަހައްޓާ ގޮތަށް ހަދައި، މެމްބަރުންގެ އަދަދަށް ފައިސާ ދިނުން ހުއްޓާލައިގެން ކަމަށް ހަސަން ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހަށް މިއިސްލާހު ހުށަހަޅާފައިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

"ޖޫރިމަނާ ކޮށްގެންވެސް މިމައްސަލައަށް ދާއިމީ ހައްލެއް ނާންނާނެ. ދާއިމީ ހައްލަކަށް ވާނީ މިވައްކަން ކުރުމާއި ގުޅިފައިއޮތް އަސްލު ނައްތާލެވިގެން. އެގޮތަށް ޤާނޫނު ބަދަލުކޮށްފި ކަމުގައިވާނަމަ އެދެވިގެންވާ ހައްލެއް އަންނާނެ. އަޅުގަނޑުމެން ވާނީ އެގޮތަށް ބައެއް ބަދަލުތައް ޕްރޮޕޯސްކޮށް ބަންޑާރަ ނައިބް އަރިހަށް ފޮނުވާފަ." ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކޮށް، އޮޅުވާލައިގެން ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި 11 ޕާޓީއަކުން ވަނީ މީހުން ވައްދާފައެވެ. އެންމެ ގިނަ އަދަދަކަށް އޮޅުވާލައިގެން މެންބަރުން ވައްދާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށެވެ.