ޚަބަރު

މަޢުލޫމާތު ފޯރުކޮށްނުދީގެން 27 މައްސަލައެއް ހުށަހެޅުނު


ސަރުކާރުގެ ބައެއް އިދާރާތަކުން މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު 27 މައްސަލައެއް ހުށައެޅި އެމައްސަލަތައް ޙައްލުކޮށްދެވިފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްއަޒީލް ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.  އިންފޮރމޭޝަން ކޮމިޝަނަރ ވިދާޅުވީ، ކޮމިޝަނަށް ހުށައެޅޭ ޝަކުވާތައް މަދުވުމަކީ ކަމާގުޅޭ އިދާރާތަކުން އާންމުނަށް ބޭނުންވާ މައުލޫމާތު ލިބޭކަމުގެ ހެއްކެއްކަމަށެވެ. ޕީ.އެސް.އެމް އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، ވޭތުވެދިޔަ 2015 ވަނަ އަހަރު އެކޮމިޝަނަށް ޝަކުވާގެ ގޮތުގައި ހުށައެޅުނީ 27 މައްސަލަ ކަމަށާއި އޭގެ ތެރެއިން ހުރިހާ މައްސަލައެއްވެސް ޕަބްލިކް ހިއަރިންގ އަކަށް ދިއުމެއްނެތި ހުރިހާ މުއައްސަސާއެއްގެވެސް އެއްބާރުލުމާއެކު ބޭނުންވާ ފަރާތަށް ފޯރުކޮށްދެވިފައިވާކަމަށެވެ. ރާއްޖޭގައި މައުލޫމާތު ހިއްސާކުރުމުގެ ސަގާފަތެއް ނެތުމުން ބައެއް ތަންތަނުން މައުލޫމާތު ދިނުމުގައި ކޮންމެވެސް ވަރަކަށް ޖެހިލުންވާކަން އަދިވެސް ފާހަގަކުރެވޭ ކަމަށާއި، އެހެން ނަމަވެސް ދޭން ޖެހޭ މައުލޫމާތެއް ދެއްވުމުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާއިރު، ހުރިހާ ފަރާތްތަކަށްވެސް އެކަމުގެ ފައިދާ ލިބިގެންދާކަމަށް އަބްދުލްއަޒީޒް ޖަމާލު ފާހަގަކުރެއްވިއެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތެއް ނުވަތަ ގާނޫނުން މަނާކުރާ، ކަންކަން ނުވަތަ މައުލޫމާތު ހާމަކުރަން ނުޖެހޭނެކަންވެސް އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރައްވައެވެ.