މުޖުތަމަޢުއެއްގައި އެކި ކަހަލަ ދަތިތައްކާ ކުރިމަތިވެފައިވާ މީހުން ދިރިއުޅެއެވެ. އެކި ކަހަލަ ބަލިތައް ތަޙައްމަލު ކުރަމުން އަންނަ މީހުންވެސް ދިރިއުޅެއެވެ. ބައެއް މީހުންނަކީ ދުނިޔެއަށް އަންނައިރުވެސް މިފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އަދި ބައެއް ފަހަރު ދިމާވާ ބައެއް ޙާލަތްތަކުގެ ސަބަބުން މިފަދަ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުން ތިބެއެވެ. އުފާވެރި ފާގަތި މުޖުތަމަޢެއް ބިނާވަނީ މިހުރިހާ މީހުންނަށްވެސް އަމާން އަދި ދައްޗަކާ ނުލައި އުޅޭވޭ ތަނެއްކަމުގައި އެމުޖުތަމަޢެއް ވެގެންނެވެ.
ރާއްޖޭގެ އާބާދީ ކުޑަނަމަވެސް އާބާދީގެ ނިސްބަތުން އެކިކަހަލަ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމާއި ނަފްސާނީ ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ހާމަވާ އެއް ތަނަކަށްވާނީ މިފަދަ ކުދިންނަށް ޚާއްސަ ސްކޫލް މަދުރަސާތަކުގައި މިފަދަ ކުދިންނަށް ޖާގަ ހޯދަން އެދިގެން އަންނަ ބެލިނިވެރިންގެ ޢަދަދުތައް އިތުރުވަމުން އަންނަ އައުމުންނެވެ.
މިއިން އެނގިގެންދަނީ މުޖުތަމަޢުގައި މިފަދަ މީހުން އިތުރުވުމާއެކު ނުކުޅެދުންތެރިކަން ނެތް މީހުންނާއި މުވައްސަސާތަކުން މިފަދަ ފަރާތްތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ބާރުއަޅަންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަމެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކުރިއަށްގެންގޮސްފައިވާ ސަރވޭއަކުން ފެންނަނީ ކަންބޮޑުވާ ދަރަޖައެއްގައި އޮތް ރާއްޖޭގެ ޙާލަތެވެ.
މިސަރވޭގައި ވަނީ މާލެ ސަރަޙައްދުގައި ފުރޮޅުލީ ގޮނޑީގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް ބޭނުންކުރާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެވިފައެވެ.
އެޗްއާރްސީއެމްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސިޓީގައި ހިންގާ ސްކޫލްތަކުގެ ތެރެއިން %14 ސްކޫލްތަކަށާއި %64 މިސްކިތްތަކަށާއި ޢާއްމު ޚިދުމަތްދޭ %46 ތަންތަނަށް ފުރޮޅުލީ ގޮނޑީގައި ވަނުމުގައި ހުރަސްތަކެއް އެބަހުއްޓެވެ. އަދި މާލޭގެ %30 ޢާއްމު ތަންތަނާއި ޕާކުތަކަށް ވަނުމުގައި ހުރަސްތަކެއް ހުރިއިރު %79 ރެސްޓޯރެންޓުތަކަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތަކެއް ހުރިކަންވަނީ ހާމަވެފައެވެ.
މިސަރވޭއިން ދައްކާގޮތުގައި މާލޭގެ %90 ޢިމާރާތްތަކަށް ފުރޮޅުލީގޮނޑީގައި ތިބޭ މީހުންނަށް ވަނުމަށް ބޭނުންކުރާ ރޭމްޕެއް ނުވަތަ ސްލޯޕެއްވެސް ނެތެވެ. އަދި މިސަރަޙައްދުގައި ހުރި %50 ބަސްހުއްޓިތަކަށް ވަނުމަށްވެސް ހުރަސްތަކެއް އެބަހުރިއިރު %28 ފާމަސީތަކަށްވެސް މިފަރާތްތަކަށް ވަނުމުގައި ހުރަސްތަކެއް އެބަހުއްޓެވެ. މާލޭގެ %52 ފިހާރައަށް ވަނުމުގައާއި %31 ސެލޫންތަކަށް ވަނުމުގައިވެސް ހުރަސްއެބަހުއްޓެވެ.
މިސަރވޭއިން ހާމަވެފައިވާގޮތުގައި ފުރޮޅުލީ ގޮނޑީގައި ތިބޭ ފަރާތްތަކަށް އެކަށީގެންވާހެން ވަނުމުގައި ހުރަހެއްނެތި ހުރީ މާލެ ސަރަޙައްދުގައި ހުރި ހޮސްޕިޓަލްތަކުގައި އެކަންޏެވެ.
މިއީ ހަމައެކަނި ތަފާސްހިސާބެއް ނޫނެވެ. ރާއްޖޭގައި އެންމެ ތަރައްޤީވެފައިވާކަމަށް އެންމެން ޤަބޫލުކުރާ ވެރިރަށް މާލޭގައި ހަމަހަމަކަމާއެކު ދިރިއުޅުމުގެ ފުރުސަތު ވަކި ބަޔަކަށް ހަނިވެފައިވާވަރެވެ. އެންމެ ގުޅިގެން އެންމެން ޝާމިލުކުރާ ވެއްޓެއް ޤާއިމުކުރާ މަސައްކަތް އެންމެ އެދެވޭ ދުވެލީގައި ކުރިއަށް ނުދާކަން އެނގި ހާމަވާ ކަމެކެވެ. މިފަދަ ފަރާތްތަކަށްޓަކާ ކުރެވެމުންދާ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކުރިއަށްދާކަމަށް ދެކިގެން މިތަފާސްހިސާބާއެކު ތިބެންވީތޯ މިއީ މިއަދު މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް އަމިއްލަ ނަފްސާކުރަންވީ ސުވާލެކެވެ. ކަމާ ބެހޭ ފަރާތްތަކުން މިފަދަ ފަރާތްތަކަށްޓަކާ ހަމައެކަނި ކޮށްދޭންޖެހޭކަމަކީ ޚާއްސަ ދުވަހެއް ފާހަގަކޮށްލާ ނިންމާލުންތޯ މިއީ ޒިންމާދާރު މަޤާމެއްގައި ހުރި ހަމަ ކޮންމެ މީހަކުވެސްކޮށްލަންޖެހޭ ސުވާލެކެވެ.