ޚަބަރު

އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި


މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފިއެވެ.

އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ނިންމާފައިވަނީ މީރުމާގައި ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. 2020ވަނަ އަހަރު އެމްޓީޑީސީގެ ހިއްސާއަކަށް ބަހާފައިވަނީ 50 ލާރިއެވެ.

މިދިޔަ އަހަރަކީ އެމްޓީޑީސީއަށް ކާމިޔާބު އަހަރެކެވެ. ތާރީޚުގައި ރެކޯޑު ފައިދާއެއް ލިބިފައިވެއެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 211.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2020ވަނަ އަހަރު ލިބުނު ފައިދާގެ އަދަދު ކަމުގައިވާ 50.8 މިލިއަން ރުފިޔާ އަޅާ ބަލާއިރު، 160.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުއްޔައް ދޫކޮށްފައިވާ ރަށްތަކާއި ގުޅިގެން ސަބްލީޒްގެ ސާފު އިންވެސްޓުމަންޓު ރެކޯޑު ކުރަން ނިންމުމާއި ގުޅިގެން ލީސް މޮޑިފިކޭޝަންގެ ސާފު ފައިދާ އިތުރުވެގެން ދިޔުންކަމަށް އެމްޓީޑީސީން ހާމަކުރެއެވެ.

ކުންފުނީގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސަބްލީޒްގެ ސާފު އިންވެސްޓުމަންޓުން ލިބުނު އިންޓްރެސްޓް ނަމަވެސް ކުއްޔަށްދީފައިވާ ރަށްތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްދިނުމުގެ ސަބަބުން ލީޒް މޮޑިފިކޭޝަންގެ ސާފު ފައިދާއަށް 211.1 މިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވާތީ އަހަރުގެ ތެރޭގައި، ކުންފުނީގެ މާލީ ހާލަތުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި ކަމަށް އެމްޓީޑީސީން ހާމަކުރެއެވެ.

2010ވަނަ އަހަރުން ފެށިގެން އެމްޓީޑީސީ ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. އެހެން ނަމަވެސް ބުރަ މަސައްކަތާއި އެކު އެމްޓީޑީސީއަކީ މިހާރު ފައިދާވާ ކުންފުންޏެކެވެ. އެމްޓީޑީސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ ކުއްޔަށް ދީފައިވާ ދެރަށުން ލިބޭ އާމްދަނީއެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ.

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 5 ޑިރެކްޓަރުންވެސް އިންތިޚާބުކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށްވެސް އަހަރީ އާއްމު ޖަލްސާގައި ފާސްކުރިއެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.