ޕީއެފްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ލިވަޕޫލުގެ މުހައްމަދު ސަލާހް އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޗެލްސީ ވިމެންގެ ސޭމް ކާ ހޮވައިފިއެވެ.
މި ދެކުޅުންތެރިން ވަނީ މިނިމުނު ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓުވެސް ހޯދާފައެވެ. ސަލާހް ވެފައިވަނީ މި އެވޯޑް ދެ ފަހަރު ހޯދި ހަވަނަ ކުޅުންތެރިޔާއަށެވެ. އެއީ މާކް ހިއުސް، އެލަން ޝިއެރާ، ތިއެރީ އޮންރީ، ގެރެތު ބޭލް އަދި މިދިޔަ އަހަރު މި އިނާމް ހާސިލްކުރި ކެވިން ޑި ބްރެއިނާގެ ފަހަތުންނެވެ.
މިނިމުނު ސީޒަންގައި ސަލާހްވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް 24 ލަނޑު ޖަހާދީފައެވެ. އޭނާއާ އެއްވަރަށް ލަނޑު ޖަހައިގެން ޓޮޓްނަމް ހޮޓްސްޕާގެ ސޮން ހެއުން-މިން ވެސް ވަނީ މިފަހަރު ރަން ބޫޓު ހާސިލްކޮށްފައެވެ. އެކަމަކު ލީގުގައި 14 އެސިސްޓާއެކު އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ސަލާހްއެވެ. މީގެއިތުރުން މިނިމުނު ސީޒަންގައި ލިވަޕޫލާއެކު ސަލާހްވަނީ ލީގު ކަޕާއި އެފްއޭ ކަޕްވެސް ހާސިލްކޮށްފައެވެ.
މި ފަހަރުގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެލްސީގެ ކާ އަކީ މި އިނާމް ހާސިލްކުރި އޮސްޓްރޭލިއާގެ ފުރަތަމަ ކުޅުންތެރިޔާއެވެ. އެނާ ވަނީ ޑަބްލިޔުއެސްއެލްގައި މިފަހަރު ޗެލްސީ ވިމެންއަށް 20 ލަނޑު ޖަހާދީފައެވެ. މީގެ އިތުރުން މިފަހަރު ރޯއި ހޮޑްސަން އާއި ހޯޕް ޕަވެލްއަށް ވަނީ ޕިއެފްއޭ މެރިޓް އެވޯޑުވެސް އަރުވާފައެވެ.