ދުނިޔޭގެ ވިޔަފާރި

ފުރަބަންދު އުވާލުމުން ޗައިނާގެ އިޤްޠިޞާދީ ހާލަތު ރަނގަޅުވެއްޖެ


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމާއެކު ޗައިނާގެ މެއިމަހުގެ އިޤްޠިޞާދީ ޙާލަތު ރަނގަޅުވެއްޖެއެވެ.

ޗައިނާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހު އެ ޤައުމުން އެކްސްޕޯޓުކުރި މިންވަރު ވަނީ %16.9 އަށް އިތުރުވެފައެވެ. އެއީ 308.3 މިލިއަން އެމެރިކާ ޑޮލަރުގެ އެކްސްޕޯޓެވެ. އޭގެކުރިން އޭޕްރީލް މަހު މިއަދަދު ހުރީ %3.7 ގައެވެ. އިމްޕޯޓުކުރި މިންވަރު ވަނީ %4.1 ށް އަރާފައެވެ. އެއީ 229.5 މިލިއަން އެމެރިކާ ޑޮލަރުގެ އިމްޕޯޓެވެ. އޭޕްރީލްމަހު މިޢަދަދު ހުރި %0.7 ގައެވެ.

ޗައިނާގެ އެންމެ ކާރޫބާރޫ ބޮޑު ސިޓީ ކަމަށްވާ ޝަންހާއީ އާއި އެހެން ސިޓީތަކުގައި ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކްސްޕޯޓަށް އޮތް ޑިމާންޑް ވަނީ ދަށްވެފައެވެ. މިއާއިއެކު އެ ޤައުމުގެ އިޤްޠިޞާދު މިއަހަރު ކުރިއަރާނީ އެންމެ %2އަށް ކަމަށްވެސް ކަމާއިބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

ޝަންހާއީ އާއި ބެއިޖިން އަދި އެހެން ސިޓީތަކުގެ ވިޔަފާރިތަކާއި ކާރުޚާނާތައް ހުޅުވަން ހުއްދަ ދީފައިއޮތް ނަމަވެސް ކަންތައްތައް ޢާންމު ޙާލަތަށް ގެންނަން އަދި ދުވަސްގަނޑެއް ނަގާނެއެވެ. "ޒީރޯ ކޯވިޑް" ސްޓްރެޓެޖީގެ ދަށުން ގިނަ ބަޔަކު ގޭގައި މަޑުކޮށް ކޯވިޑް ކޭސްތައް މަދުވި ނަމަވެސް ޗައިނާގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން ވަނީ ބޮޑެތި އަސަރުތަކެއްކޮށްފައެވެ.