މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީން (ފާއީ) ދިފާއުކުރިއިރު، އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އާރާ އާސަލް އާޒިމް ހޯދައިފިއެވެ.
މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް މި ފަހަރު ބޭއްވީ އެއް އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ.
މި މުބާރާތުގެ އޯޕަން ފިރިހެން ސިންގަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ފާއީ ހޯދީ ފައިނަލުގައި އިގްނާޒް މަންސޫރު ބަލިކޮށްގެންނެވެ. ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފާއީ އާއި އޭނާގެ ބޭބެ އަހްމަދު ފާރިޒް ފަޒީލެވެ. ދެބެންނާ ދެކޮޅަށް ފައިނަލުގައި ނުކުތީ އަލީ ފާރިސް މުހައްމަދާއި ހުސައިން ނާޒިފެވެ.
މީގެ އިތުރުން އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އާރާ ހޯދީ އަރަމުން އަންނަ ޓެނިސް ކުޅުންތެރިޔާ ނަބާ ނިޝާންއާ ވާދަކޮށެވެ. މީގެ އިތުރުން އާރާ ވަނީ ޖޫނިއާ އޯޕަން ސިންގަލްސްގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އެ ކެޓަގަރީގެ ޗެމްޕިއަންކަން އަރާ ހޯދީ މިއްޝަލް މުޙައްމަދު ބަލިކޮށްގެންނެވެ.
އާރާ ވަނީ މިކްސް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އާރާ އާއި މިކްސް ޑަބަލްސްގައި އޭނާގެ ޕެއާ ދާއިން މުހައްމަދު އަމީނުއާ ދެކޮޅަށް ނުކުތީ އަހްމަދު ޝިއާއު އާއި އައިޝަތު ޔުމުން ނިޔާޒުގެ ޕެއާއެވެ.
ތައިލެންޑުގައި ތަމްރީނު ހަދަމުން އަންނަ އާރާ ވަނީ މީގެ ކުރިން ގައުމީ ޓީމުގެ ސެލެކްޝަން މެޗުތަކުން އެއްވަނަ ހޯދައިފައެވެ. މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕް މިއީ އާރާ ގައުމީ ލެވަލްގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.