ކުޅިވަރު

ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

އުޒްބެކިސްތާނުގައި ސެންޓްރަލައިޒްކޮށް ކުރިއަށްގެންދާ އޭޝިއަން ކަޕުގެ ގްރޫޕް ސީގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ތައިލެންޑް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޮރިއޭރޯ ބުނީ ކުޅުންތެރިން ގާތުގައި އޭނާ އެދުނު ގޮތަށް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިކަމަށެވެ. އެކަމަކު ފަރުވާ ކުޑަކޮށްދިޔަ މަދު ވަގުތު ކޮޅެއްގެ ސަބަބުން މެޗުން ބަލިވީ ކަމަށް މޮރިއޭރޯ ބުންޏެވެ. އަދި މި ފެންވަރުގައި ގާތް ގާތުގައި ބައިކޮޅަށް ދެ ލަނޑު ވަނުމުން އަލުން މެޗުގެ ތެރެއަށް ވަންނަން އުނދަގޫވާނެ ކަމަށްވެސް ބުންޏެވެ.

މޮރިއޭރޯ ބުނީ މި މެޗުގެ ތެރެއަށް އަލުން ވަނުމަށް ދެވަނަ ހާފުގައި ބަދަލުތަކެއް ގެނެވުން ކަމަށާއި، އެކަމަކު މި މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖެހުމަށް ނަސީބުވެސް އެހީނުވި ކަމަށެވެ.

ފުރަތަމަ މެޗުން ތައިލެންޑް އަތުން ބަލިވުމުން ރާއްޖެ އަށް ދެން އަންނަ އަހަރުގެ އޭޝިއަން ކަޕުން އަމިއްލަ ބާރުގައި ފުރުސަތު ހޯދޭނީ ދެން ކުޅޭ ދެ މެޗުން އުޒްބެކިސްތާނާއި ސްރީ ލަންކާ ބަލިކޮށްގެންނެވެ. އެއީ ގްރޫޕް އެއްވަނަ ނުލިބޭނަމަ ދެވަނަ ހޯދައިގެންވެސް އޭޝިއަން ކަޕަށް ވަންނަން ފުރުސަތެއް އޮންނާނީ ދެން އޮތް މެޗުތަކުގައި ނަތީޖާ ނެރެގެން ކަމަށްވާތީއެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނަން ޖެހޭނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.