ހއ.ހޯރަފުށީ އެއަރޕޯޓު ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައިފިއެވެ.
މި މަސައްކަތަ ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެފައިވަނީ ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %55 ނިމިފައިވާކަމަށެވެ. މިސަރަހައްދުގެ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތަކުގެ %94 އާއި ގްރޮއިން ޖެހުމުގެ މަސައްކަތުގެ %70 ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ހޯރަފުށީ އެއަރޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 90.5 މިލިޔަން ރުފިޔާގެ އަގަކަށެވެ.