ޚަބަރު

އެއާބަސް މަރުކާގެ 114 މަތިންދާބޯޓު އީރާނުން ގަންނަނީ


އެއާބަސް މަރުކާގެ 114 މަތިންދާބޯޓު ގަތުމަށް ތައްޔާރުވަމުންދާކަން އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ ޓްރާންސްޕޯޓް މިނިސްޓަރ އައްބާސް އަޚުންދީ ވިދާޅުވީ މިބޯޓުތައް ގަތުމާބެހޭގޮތުން އެއާބަސް ކުންފުންޏާއެކު ކުރިންވެސް ވާހަކަތައް ދެކެވިފައިވާ ކަމަށާ އަދި އަންނަ ހަފްތާގައިވެސް މިކަމާބެހޭ އިތުރު ވާހަކަތައް އެއާބަސް ކުންފުންޏާއެކު ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މާޗް މަހުގެ ކުރިން މި ބޯޓުތައް ގަތުމުގެ އެއްބަސްވުމާ ހަމައަށް ދެވޭނެ ކަމަށްވެސް އަޚުންދީ ވިދާޅުވިއެވެ. އީރާނުގެ މަސްއޫލުވެރިއަކުވަނީ އެގައުމުގެ އެއާލައިންތަކަށް ކުރިޔަށްއޮތް ދިހަ އަހަރު ތެރޭގައި އެކި ސައިޒްގެ ފަސިންޖަރު މަތިންދާބޯޓުގެ ފައްސަތޭކަ ބޯޓު ބޭނުންވާކަން ހާމަކުރައްވާފައެވެ. މި ބޯޓުތައް ގަތުމަށްޓަކައި އެއާބަސް ކުންފުނީގެ އިތުރުން އެމެރިކާގެ ބޮއިންގް ކުންފުންޏާއި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.