ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީ ފައިނަލަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ދަތުރުކުރިއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މޮޅަކުން މުބާރާތް ނިންމާލައިފިއެވެ.
ގްރޫޕް އޭއިން ސެމީގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ޓީސީއެވެ. އެކަމަކު ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ޔޫވީ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުން، ސެމީއަށް ޓީސީ ދިޔައީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ޓީސީން ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމު ކަމަށްވާ ކުލަބު ވެލެންސިއާއެވެ.
ބުދަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ރަޒާންއެވެ. މި މެޗުގެ ދެވަނަ ހާފުގައި ޔޫވީން ވަނީ ފަސް ލަނޑު ޖަހައިފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޒާނުގެ އިތުރުން އަޙްމަދު އަޒުލާން އަލީ އާއި، އަޙްމަދު އަލްތަފް އަޒީމާއި، މުހަޙައްމަދު އަރުޝަދު ސަލީމް އަދި މުހައްމަދު މާޔަން ނިޔާޒެވެ.
މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން މޮޅުވެ ޔޫވީން ސެމީގެ ފުރުސަތު ހޯދުމާ އެކު، މާޒިޔާ އާއި ސަސް މެޗު ނުފަށަނީސް ދެ ޓީމަށް އޮތީ މުބާރާތުގައި ކުރިއަށްދިއުމުގެ ދޮރު ބަންދުވެފައެވެ. އެކަމަކު ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ސަސްއިން ވަނީ މާޒިޔާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.
މި މެޗުގައި ސަސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު ޝައްފާންއެވެ.
ހަތަރު ޓީމު ވާދަކުރި ގްރޫޕް އޭގެ އެއްވަނަ ހޯދި ޔޫވީއަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ދެވަނައަށް ދިޔަ ޓީސީއަށް ހަ ޕޮއިންޓް ލިބުނުއިރު، ސަސްއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި މާޒިޔާ ނިންމާލީ ތިން މެޗުން ބަލިވެ، ޕޮއިންޓެއް ވެސްނުލިބިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ ބުރާސްފަތި ދުވަހުގެ ހަވީރު ދަ ގްރާންޑޭ އާއި ކުލަބު އީގަލްސް ބައްދަލުކުރާ މެޗަށް ފަހުއެވެ.