ޚަބަރު

ބ.މާޅޮހު ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެެއްޖެ


ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ބ.މާޅޮހު ބަނދަރުގެ މަސައްކަތް މިއަހަރު ފަށަން ތައްޔާރުވާން ފަށައިފިއެވެ. އެރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ސުޖާޢު ވިދާޅުވީ ބަނދަރުގެ ކުރެހުން ފައިނަލް ކުރުމަށް، ޕްލޭނިގް މިނިސްޓްރީން އެކައުންސިލަށް މިހާރު ހުށައަޅާފައިވާކަމަށެވެ.

މާޅޮހު ބަނަދަރު ތަރައްޤީ ކުރުމަށް ސަރުކާރުން ރައްޔިތުންގެ ލަފަޔާއި އިރުޝާދު ހޯދުމަށް ކުރެހުން ފޮނުވާފައިވެއެވެ. އެކުރެހުމާމެދު ރައްޔިތުންގެ ޚިޔާލު ހުރިނެތްގޮތެއް ބެލުމަށް މަޝްވަރާކުރަމުންދާކަމަށް ޢަބްދުﷲ ސުޖާއު ވިދާޅުުވިއެވެ. ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ސުޖާއު ވިދާޅުވީ ބަނަދަރުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަކީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފަރާތުން ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބަނަދަރު ތަރައްޤީ ކުރަން ބޭނުންވާ ކުރެހުން އޮތީ ފޮނުވާފަ.، އެކަން މިހަފްތާތެރޭގައި ކުރެވޭނެ، ރައްޔިތުން ބޭނުންވަނީ ވީ ހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން، މިހާރު ބަނަދަރުގެ ޖާގަ ވަނީ ވަރަށް ކުޑަވެފަ" މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވިއެވެ.

މާޅޮހު ބަނދަރުގެ މަސައްކަތަކީ މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން އެރަށު ގިރާސަރަހައްދު ޙިމާޔަތް ކުރުމުގެ މަސައްކަތްވެސް ފަށާނެކަމަށް ސުޖާއު ވިދާޅުވިއެވެ. މިކަމާގުޅިގެން ކައުންސިލުން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް މިހާރު މިނިސްޓްރީއާ ހިއްސާކޮށްފައި ވާނޭކަމަށް ސުޖާއު ވިދާޅުވިއެވެ.

"ރަށްގިރުމުގެ މައްސަލައަށްވެސް މި މަޝްރޫއުގެ ތެރެއިން ޙައްލު ކުރެވިގެންދާނެ.، ކޮންމެ އަހަރަކު ގިރާ ސަރަަހައްދު ޙިމާޔަތް ކުރުމަށްވެސް ރައްޔިތުންނާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވޭތީ ކިރިޔާވެސް އެސަރަހައްދުގައި ހުރި ރުއްގަސްތައް އެހުރީ." އަބްދުﷲ ސުޖާއު ވިދާޅުވިއެވެ.

ސުނާމީ ކާރިޘާގައި މި ބަނދަރުވަނީ ހަލާކުވާން ފަށާފައެވެ. އެބަނދަރު ހަލާކުވަމުންގޮސް މިހާރުވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެހެން ރަށްރަށާ ޚިލާފަށް މާޅޮހު ކައުންސިލުން ރައްޔިތުންނާ ގުޅިގެން ބަނދަރު ހަލާކުވާން ދޫކޮށް ނުލުމަކީ އެބަނަދަރު މިހާރު ބޭނުން ކުރެވޭ އެންމެ ބޮޑުއެއް ސަބަބެވެ. އެގޮތުން މާޅޮހު ބަނދަރުގެ މަރާމާތުގެ މަސައްކަތް ކޮންމެ އަހަރަކުންހެން ކައުންސިލުން އިސްވެއޮވެ ކޮންމެވެސް ރިސޯޓެއްގެ އެޙީތެރިކަމާއެކު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.