ކުޅިވަރު

ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެ


އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އޭޝިއަން ކަޕުގެ ކޮލިފިކޭޝަން މެޗުތައް މިފަހަރު ކުޅެވިގެންދަނީ ސެންޓްރަލައިޒް ކޮށްގެން އުޒްބެކިސްތާނުގައެވެ. ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން ތައިލެންޑް އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ތައިލެންޑުން ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، ރާއްޖެއަށް ތައިލެންޑުގެ ހާފަށް ބާރުބޮޑުކޮށް ހަމަލާއެއް އުފެއްދިފައިވަނީ އެންމެ ފަހަރަކުއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި މެޗުގެ ލީޑު ތައިލެންޑުން ނެގީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، ސަރެޗް ޔޫޔެންއެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތައިލެންޑުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީރަސިލް ޑަންގްޑާއެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކުރި، މި ހާފުގައި ފޭދޫ އިއްބެ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ހަސަން ރާއިފް އަޙްމަދު (ހަންނަ)އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ތައިލެންޑުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަންސާ ހެމްވިބޫންއެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އަލީ ފާސިރު (ސެންޓޭ)އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ.

ސެންޓްރަލައިޒްކޮށްގެން އުޒްބެކިސްތާންގައި ކޮލިފައިން މެޗުތައް ކުރިއަށްދާއިރު، ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ދެން މި ގްރޫޕްގައި އޮތީ ސްރީ ލަންކާ އާއި އުޒްބެކިސްތާނެވެ. ފުރަތަމަ މެޗުން ތައިލެންޑް އަތުން ބަލިވުމުން، ރާއްޖެއަށް ދެން އަންނަ އަހަރުގެ އޭޝިއަން ކަޕުން އަމިއްލަ ބާރުގައި ފުރުސަތު ހޯދޭނީ ދެން ކުޅޭ ދެ މެޗުން އުޒްބެކިސްތާނާއި ލަންކާ ބަލިކޮށްގެންނެވެ.