ދުނިޔެ

ޕެރިހަށް ހަމަލާ ދިން ހަނގުރާމަވެރިންގެ ވީޑިއޯއެއް ޢާއްމުކޮށްފި


މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ދިން ވަރުގަދަ ހަމަލާގައި ބައިވެރިވި ހަނގުރާމަވެރިން ކަމަށް ބުނާ ބަޔަކު ފެންނަ ވީޑިއޯއެއް ހައްދުފަހަނަ އަޅާފައިވާ އައި.އެސް ޖަމާޢަތުން ޢާއްމުކޮށްފިއެވެ.މި ވީޑިއޯގައި ހަމާލާގައި ބައިވެރިވި ކަމަށް ބުނާ 9 މީހެއްގެ މަންޒަރުތައް ފެނިގެންދެއެވެ. މި ވީޑިއޯގައި އައި.އެސް ޖަމާޢަތުން ވަނީ ދެން މިފަދަ ހަމަލާއެއް އަމާޒުކުރާނީ އިނގިރޭސިވިލާތަށް ކަމަށް ބުނެ އެގައުމަށް އިންޒާރު ދީފައެވެ. ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހު ޕެރިހުގައި ދިން ހަމަލާގައި 9 ހަނގުރާމަވެރިއަކު ވަނީ 3 މީހުންގެ ޓީމެއް ހަދާ ޕެރިހުގެ އެތަކެއް ތަނަކަށް ބޮމާއި ބަޑީގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 130 މީހުން މަރުވެ އެތަށް ބަޔަކު ވަނީ ޒަޚަމްވެފައެވެ.ހަމަލާތަކުގައި ފުލުހުންނާ ހިނގި ކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ 9 މީހުން މަރުވި އިރު، ހަމަލާގައި ބައިވެރިވި ކަމަށް ބެލެވޭ 10 ވަނަ މީހާ ހޯދުމުގެ މަސައްކަތް ފަރަންސޭސި ފުލުހުން އަދި ވެސް ދަނީ ކުރަމުންނެވެ.