ޚަބަރު

އެމްޑީޕީގެ އަސާސީ ޤަވާއިދަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލައިފި


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސްއަށް، އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާޙު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ. އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާޙު ހުށަހަޅުއްވާ ކަމުގައި ވީނަމަވެސް، އިސްލާޙު ހުށަހަޅުއްވާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުއްވުމަށް އެޕާޓީން ވަނީ ދަންނަވާފައެވެ. އިސްލާޙު ހުށަހަޅުއްވާއިރު، ޕީޑީއެފް އަދި ވާރޑް ފައިލްވެސް އެޓޭޗް ކުރެއްވުމަށްވެސް ވަނީ ދަންނަވާފައެވެ.

އޯގަސްޓްމަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.

ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމެނެއެވެ.

އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތައް ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝީދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.