ދުނިޔެ

ތައިލެންޑުގެ އައްސޭރިފަށުން ފެނުނީ އެމް.އެޗް 370ގެ ބައެއް ނޫން !


ތައިލެންޑުގެ އިރުމަތީ އައްސޭރިފަށުން މިދިޔަ ހޮނިހިރު ދުވަހު ފެނުނު މަތިންދާބޯޓެއްގެ ބައެއް ކަމަށް ބެލެވުނު އެއްޗަކީ ދެހާސް ސާދަވަނަ އަހަރު ގެއްލިފައިވާ މެލޭޝިޔާ އެއާލައިންގެ އެމްއެޗް 370 ފްލައިޓްގެ ބައެއް ނޫންކަމަށް ކަމާބެހޭ ތަޖްރިބާކާރުން ބުނެފިއެވެ. ތައިލެންޑްގެ މަސްއޫލުވެރިއެއް ކަމަށްވާ ތަންޔާބާތް ބަންތިކޮންޖިޔާން ވިދާޅުވީ އެޤައުމުގެ ނާކޮންސީ ތަމާރާތް ސަރަހައްދުގެ ގޮނޑުދޮށަށް ލައްގާފައިވަނިކޮށް ހޮނިހިރު ދުވަހު ފެނިފައިވަނީ މަޢުދަނުން ހަދާފައިވާ ބޮޑު އެތިގަނޑެއްކަމަށާ ނަމަވެސް އެއީ އެމްއެޗް 370 ނަންބަރު ފްލައިޓްގެ ބައެއް ނޫންކަމަށް އެޤައުމުގެ ކަމާބެހޭ ތަޖްރިބާކާރުން ދެކޭކަމަށެވެ. އެމްއެޗް 370 ނަންބަރު ފްލައިޓް ގެއްލިފައިވަނީ ދުއިސައްތަ ތިރީސް ނުވަ މީހުންނާއެކު ދެހާސް ސާދަވަނަ އަހަރުގެ މާޗް މަހުގެތެރޭގައި މެލޭޝިޔާގެ ކުއާލަލަންޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގް އަށް ދަތުރުކުރަނިކޮށެވެ.އެމްއެޗް 370 ގެ ފިޔަގަނޑުގެ ބައެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ދެހާސް ފަނަރަވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އިންޑިޔާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ރިޔޫނިޔަންގެ ގޮނޑުދޮށުންވެސް ފެނިފައިވެއެވެ. ނަމަވެސް އެއީވެސް އެފްލައިޓްގެ ބައެއްކަން ތަޖްރިބާކާރުން ކުރި ތަހްލީލުތަކުން ކަށަވަރުވެފައެއް ނުވެއެވެ.