ޚަބަރު

ޒިޔާދަށް ނޭނގި އޭނާގެ ނަން އެމްއެންޕީ ދަފްތަރުގައި އޮންނަތާ 6 މަސް


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދަށް ނޭނގި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގައި ރަޖިސްޓްރީ ކޮށްފައިވަތާ 6 މަސް ވެފައިވާކަމަށް މެމްބަރު ޒިޔާދު ވިދާޅުވެއްޖެއެވެ. ޒިޔާދަށް ނޭގި އޭނާ އެމްއެންޕީގެ ދަފްތަކުގައި އޮންނަންޖެހުނު ސަބަބު ދެނެގަތުމަށްޓަކައި މަޖިލީހުން އެމައްސަލަ ބެލުމަށް ވަނީ ނިންމާފައެވެ.

ޒިޔާދަށް އޭނާ ޕާޓީ ބަދަލުކޮށްފައިވާކަން އެނގުނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެމްބަރުން ޕާޓީން ވަކިކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ރަޖިސްޓްރީ ޗެކްކުރުމަށް އިލެކްޝަނަށް މެސެޖު ކުރުމުންނެވެ. މިއަދުގެ މަޖިލީހަށް ހުށަހެޅުނު މައްސަލާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އޭނާ މަޖިލިސް އިންތިޚާބުގަިއ ވާދަކުރީވެސް އެމްޑީޕީ މެމްބަރެއްގެ ގޮތުގައިކަމަށެވެ. އިންތިޚާބުވެ މިހާތަނަށްވެސް ދެމިހުންނެވީ އެމްޑިޕީގައި ކަމަށެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުން ޕާޓީ ޗެކްކުރި ހިސާބުން ދަފްތަރު ކުރެވިފައިވަނީ އެމްއެންޕީގައިކަމަށް އެގުނުކަމަށެވެ. ޒިޔާދު ވިދާޅުވީ އޭނާ އެމްއެންޕީގައި ރަޖިސްޓްރީ ކުރުމުގައި އެޕާޓީން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށެވެ. ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެެއްދުމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ޕާޓީތަކުގައި ކަމަށްވާއިރު، އޭނާ އެމްއެންޕީއަށް ސޮއިކުރިކަމަށް ބުނާ ފޯމުގައި ސޮއިކޮށް، ފިންގާ ޕްރިންޓް ޖަހައި، ހެކިވެރިން ސޮއިކޮށް އެމްއެންޕީގެ ރަޖިސްޓްރާވެސް ސޮއިކޮށްފައިވާކަމަށެވެ.

ޒިޔާދުގެ މިކަންބޮޑުވުންތަކާއި ގުޅިގެން މަޖިލިސް ރައީސް ވަނީ އޭނާ އެމްއެންޕީއަށް ވެއްދުމަށް ފުރާފައިވާ ފޯމު މަޖިލީހުގެ އަމީންޢާމާއި ހަވާލުކުރުމަށް ދަންނަވާފައެވެ. އަދި މަޖިލީހުން މިމައްސަލަ ބެލުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމާފައެވެ. ޒިޔާދު އެމްއެންޕީގައި އޮތުމުން އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިހާރު ވަނީ އޭނާ އަލުން އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައެވެ.

އިލެކްޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ޞައްހަ ކަމާމެދު އުފެދޭ މައްސަލަތައް ހައްލު ކުރުމަށްޓަކައި، ހުށަހަޅާ ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އާންމުކޮށް ހުޅުވާލުމަށް ނިންމާފައެވެ. އިލެކްޝަނުން ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ހުޅުވާލާއިރު، ޕާޓީތަކަށް އަލަށް ވަނުމަށް ހުށަހެޅި މީހުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދު ވަނީ އާންމުކޮށްފައެވެ. އިލެކްޝަނުން ވަނީ ޝަކުވާއެއް އޮތޯ ބެލުމަށްޓަކައި، ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިންގެފޯނަށް މެސެޖެއް ފޮނުވާފައެވެ.

އިލެކްޝަނުން މިގޮތަށް އާންމުކޮށް އިއުލާންކޮށްގެން ހުޅުވާލި ފުރަތަމަ 373 ފޯމަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވެއެވެ. މިހާރުވެސް ކޮމިޝަނުން ވަނީ އިތުރު ފޯމުތަކެއްގެ މައުލޫމާތު ސާފު ކުރުމަށް އާންމުކޮށް ހުޅުވާލާފައެވެ. މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކުރާ މައްސަލައަކީ ހައްލު ހޯދުމަށް އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުންވެސް ގަބޫލު ކުރެއެވެ.