ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި ޕޮލިސް ކުލަބު ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވެމްކޯއިން ޕޮލިސްގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ޕޮލިހުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، މި މެޗުގެ ފުރަތަމަ ދެ ސެޓު 25-15 އަދި 25-21 އިން ވެމްކޯއިން ވަނީ ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވި) އަދި ޝަހާ ޝާމިންގެ މޮޅު ކުޅުމާއެކު ޕޮލިހުން ސެޓުތައް ގެންދިޔައީ 25-21 އަދި 25-22 އިންނެވެ،
މެޗުގެ ފަހު ސެޓުގައިވެސް ޕޮލިސް ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 15-5 އިންނެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެރޭ ކުޅުނު ދެވަނަ ސެމީގައި ކުލަބު އީގަލްސްއިން ވަނީ ކުލަބު ވޮލީބޯލް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތިބި އީގަލްސްގެ ފަރާތުން މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި މެޗުގެ ސެޓުތައް އީގަލްސްއިން ގެންދިޔައީ 25-09، 25-09 އަދި 25-16 އިންނެވެ،
މި މުބާރާތުގެ ތިންވަނަ ސެމީގައި އީގަލްސް ބައްދަލުކުރަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވި ޕޮލިސް ކުލަބާއެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރެއެވެ.