ޚަބަރު

ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހަދަނީ


ހދ.ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސަރެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހެދުމުގެ މަސައްކަތް ތަކުގެ ތެރޭގައި، ސައިޓް ކްލިއަރ ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތައް ކުރުން ހިމެނެއެވެ. މީގެ އިތުރުން ޕެރިމީޓަރ ޑްރެއިން ކުރުމާއި، އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 7.67 މިލިއަން ރުފިޔާ އަށް 140 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެކެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ފުރަތަމަ މަރުހަލާގައި އުފެދޭ ކުނި ޖަމާކުރެވޭ ފެސިލިޓީއަކީ މި ސްޓޭޝަންތަކެވެ. އަދި މި ސްޓޭޝަންތަކަށް އެކަށީގެންވާ ވަރަށް ކުނިޖާމާކުރެވުމުން މި ކުނި ވަކިކޮށް ރީސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ހާއްޞަކުރެވިފައިވާ ފެސިލިޓީއަކަށް ބދަލުކުރެވޭނެއެވެ. މިފަދަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއެއްގެ ސަބބަުން ކުނބުރުދޫ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.