ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ދޭއްގައި ރޭ ސްވިޓްޒަލެންޑް އަތުން ޕޯޗުގަލް މޮޅުވިއިރު، ފަހު ވަގުތު ޖެހި ލަނޑާއެކު ޗެކް ރިޕަބްލިކް އަތުން ބަލިނުވެ ސްޕެއިން ސަލާމަތްވެއްޖެއެވެ.
ނޭޝަންސް ލީގުގައި އެންމެ ފަހުން ޕޯޗުގަލާއި ސްޕެއިން ބައްދަލުކުރި މެޗު ވަނީ އެއްވަރުވެފައެވެ. އެކަމަކު ޕޯޗުގަލުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޕޯޗުގަލުން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގައި ވިލިއަމް ކަވާލިއޯ ޖެހި ލަނޑުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލުން އިތުރު ދެ ލަނޑެއް ޖެހިއިރު، މި ދެ ލަނޑުވެސް އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޮއާއޯ ކަންސޭލޯއެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ގައުމީ ޓީމަށް ރޮނާލްޑޯ ޖަހައިދިން ލަނޑުގެ ޖުމްލަ އަދަދު ވަނީ 117 އަށް އަރާފައެވެ. ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ.
މީގެ އިތުރުން މި ގްރޫޕުގައި ރޭ ޗެކް ރިޕަބްލިކާއި ސްޕެއިން ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ޗެކް ރިޕަބްލިކުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަކޫބް ޕެސެކެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އުމުރުން 17 އަހަރުގެ ގަވީ ވަނީ ސްޕެއިނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑާއެކު ގަވީ ވެފައިވަނީ ސްޕެއިންގެ ގައުމީ ޓީމަށް ލަނޑެއް ޖަހައިދިން އެންމެ އުމުރުން ހަގު ކުޅުންތެރިޔާއަށެވެ.
މި މެޗުގައި ޗެކް ރިޕަބްލިކުން ދެވަނަ ފަހަަރަށް ލީޑު ނެގީ މެޗުގެ 66 ވަނަ މިނެޓުގައި ޖޭން ކުޗްޓާ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ސްޕެއިނުން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނީގޯ މާޓިނޭޒެވެ.
ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ދޭއްގައި ދެން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. އެރޭ ސްވިޓްޒަލެންޑާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، ޕޯޗުގަލް ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.