ޚަބަރު

ފުވައްމުލަކު ޓޭބަލް ޓެނިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވާދެއްވައިފި


ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ޓޭބަލް ޓެނިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ.

މި ޓީޓީ ސެންޓަރަކީ އަތޮޅު ތެރޭގައި ޤާއިމްކުރެވިގެންދިޔަ އެންމެ ފުރަތަމަ ޓީޓީ ސެންޓަރެވެ.

ފުވައްމުލަކުގައި ޤާއިމްކޮށްފައިވާ ޓޭބަލް ޓެނިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ ޓޭބަލް ޓެނިސްގެ ދާއިރާއަކީ ރާއްޖެއަށް އެދާއިރާއަކުން ރީތި ނަން ހޯދާދީފައިވާ ދާއިރާއެއްކަމަށެވެ. އެގޮތުން ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ފުޅާވަމުން އަންނައިރު ކުޅިވަރު ބިނާކުރުމަކީ މިސަރުކާރުގެ އެއް އަމާޒުގެ ގޮތުގައި ވިދާޅުވިއެވެ. އަދި މިދާއިރާއިން ހުނަރުވެރި ދަރިންތަކެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލަކުގައި ހުޅުވިގެން ދިޔަ ޓީޓީ ސެންޓަރުގެ ބޭނުން ހިފައި ބެލެނިވެރިންވެސް، ދަރިވަރުން މިފަދަ ކުޅިވަރުތަކުގައި ބައިވެރިކުރުވުމަށް ނާއިބުރައީސް ގޮވާލެއްވިއެވެ.

"ކުޅިވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމެއް. އަޅުގަނޑުމެންގެ އެކުވެރިކަމާއި އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ހެލިފެލިވުމާއި އާންމު ސިއްހަތަށްވެސް ވަރަށް މުހިންމު ކަމެއް މި ކުޅިވަރުގަ މަސްއޫލުވެގެން އުޅުން. އަދި މިއީ ވަކި އުމުރަކަށް އޮތް ކަމެއްވެސް ނޫން. ކޮންމެ އުމުރެއްގެ މީހަކުވެސް އެމީހަކަށް ކުޅެވޭ ކުޅިވަރެއް ކުޅުމަކީ ވަރަށް މުހިންމު ކަމެއް" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ކޮމިއުނިޓީ އެންޑް އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވީ ފުވައްމުލަކުގައި ހުޅުވި މި ޓީޓީ ސެންޓަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ހުޅުވާލި ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޓީޓީ ކުޅުމުގެ ދާއިރާއިން ތަމްރީން ލިބިގެން ހުނަރުވެރި ކުޅުންތެރިންތަކެއް ބިނާވެގެން ދިޔުމަކީވެސް މިސެންޓަރ ހުޅުވުމުގެ އެއް އަމާޒު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިތަނަކީ ހަމަގައިމުވެސް މީގެ އަހަރުތަކެއް ފަހުން މިތަނުގަ ކުޅޭ ކުދިން ރާއްޖެއަށް ރީތި ވަނަ ގެނެސްދޭ ބަޔަކަށް ވެގެން ދިޔުން އެއީ އެންމެ ބޮޑު އަމާޒު. މި އަމާޒަށް ވާސިލް ވުމަށްޓަކައި މިތާގަ ކޯޗެއްވެސް އަޅުގަނޑުމެން މި ބަހައްޓަނި" މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ޓީޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ނާއިބު ރައީސް ވަނީ ކުޅުންތެރިންނާއެކު ޓީޓީ ކުޅުއްވާފައެވެ. މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީޓީ ކުޅުންތެރިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ފުވައްމުލަކުގައި ހުޅުވި މި ޓީޓީ ސެންޓަރުގައި ކަނޑައަޅާފައިވާ ޚާއްސަ ކޯޗެއް ހުންނާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ. އަދި މި ޓީޓީ ސެންޓަރަކީ ފުލް ޓައިމްކޮށް ކުރިއަށްދާނެ ތަނެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން ފުވައްމުލަކުގައި ކުލަގަދަގޮތެއްގައި މިދުވަސް ވަނީ ކުރިއަށް ގެންގޮސްފައެވެ.