ކުޅިވަރު

ހުރިހާ މެޗަކުން މޮޅުވެ ޕޮލިހާއި ވެމްކޯއަށް ގްރޫޕް އެއްވަނަ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ޕޮލިސް ކުލަބުން ހޯދިއިރު، ގްރޫޕް އޭގެ އެއްވަނަ ކުލަބު ވެމްކޯއިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ޕޮލިސް މޮޅުވީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން 3-1 ސެޓުންނެވެ.

ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ ޕޮލިސް ކުލަބުން މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-18 އިންނެވެ. އެކަމަކު ތަފާތު ހިތްވަރަކާއެކު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ވަނީ ދެވަނަ ސެޓު 25-18 އިން ގެންގޮސްފައެވެ. ނަމަވެސް މެޗުގެ ފަހު ދެ ސެޓުގައި ޕޮލިހުން ވަނީ އެ ޓީމުގެ ފެންވަރު ދައްކާލައި، ފަސޭހަކަމާއެކު 25-14 އަދި 25-6 އިން ސެޓުތައް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އޭގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން ވަނީ ފަސޭހަކަމާއެކު ކުލަބު ވޮލީބޯލް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-9، 25-9 އަދި 25-16 އިންނެވެ. މި މެޗަށް ނުކުތްއިރުވެސް ވެމްކޯ އާއި ކުލަބު ވޮލީބޯލަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ.

ރޭގެ މެޗުތަކާއެކު ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިގެންދިޔައިރު، ގްރޫޕް ބީގެ އެއްވަނަ ލިބުނީ ޕޮލިހަށެވެ. އަދި ދެވަނައަށް ދިޔައީ ކުލަބު އީގަލްސްއެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި ދެ ޓީމު ކަމަށްވާ ވެމްކޯ އާއި ޕޮލިހެވެ. މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމެއް ތިންވަނަ ސެމީގައި ނުކުންނާނީ ދެވަނަ ސެމީގައި އީގަލްސް އާއި ކުލަބު ވޮލީބޯލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.