ކުޅިވަރު

ސިފައިން ބަލިކޮށް އީގަލްސް ސެމީއާ ގާތަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، ކުލަބު އީގަލްސްއިން ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ސިފައިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި އީގަލްސްއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 25-10 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ތިންވަނަ ސެޓު 25-23 އިން ސިފައިން ވަނީ ހޯދައިފައެވެ. އެކަމަކު އީގަލްސް ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ފައިދާ ނަގައި، އެ ޓީމުން ވަނީ ފަހު ދެ ސެޓު 25-16 އަދި 15-5 އިން ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ގްރޫޕް ބީގައި ހިމެނޭ އީގަލްސްއިން ސެމީގެ އުއްމީދު ދެމެހެއްޓިއިރު، ހުކުރު ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް ކުލަބުން ވަނީ ޔޫތު ނިއުޖެނެރޭޝަން 3-1 ސެޓުން ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-18 އިން އަލްމާއިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ޔޫތު ނިއުޖެނެރޭޝަނުން ކާމިޔާބުކުރީ 25-19 އިންނެވެ. އެކަމަކު އަލްމާއިން ވަނީ މެޗުގެ ފަހު ދެ ސެޓުގައި ވާދަވެރި ކުޅުމެއް ދައްކައި، 25-22 އަދި 26-24 އިން ގެންގޮސްފައެވެ.

އެސޯސިއޭޝަން ކަޕުގެ ގްރޫޕް އޭއިން ކުލަބު ވެމްކޯ އާއި ކުލަބު ވޮލީބޯލް ސެމީގެ ޖާގައެއް ޔަގީންކޮށްފައިވާއިރު، ގްރޫޕް ބީން ސެމީގެ ޖާގަތައް އަދި ކަށަވަރެއް ނުވެއެވެ.