ޚަބަރު

ބަންގްލަދޭޝްގައިހުރި އިންޓާންޝިޕް ފުރުސަތުތަކާމެދު މަޝްވަރާކޮށްފި


ދިވެހި ސަރުކާރުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ މުޙައްމަދު އާސިމް، އެޤައުމުގެ މެޑިކަލް އެންޑް ޑެންޓަލް ކައުސިލްގެ ރެޖިސްޓްރަރއާ ބައްދަލުކުރައްވައި، ބަންގްލަދޭޝްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރާ ދިވެހިންނަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.މި ބައްދަލުކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރ އާސިމް ވިދާޅުވީ، އެހެން ޤައުމުތަކުން އެމް.ބީ.ބީ.އެސް ހަދާ ދިވެހިންނަށް ބަންގްލަދޭޝްގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް ކައުންސިލުން އަބަދުވެސް މަރުޙަބާ ކިޔާކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މެޑިސިން ކިޔަވާދޭނެ ޚާއްޞަ ސްކޫލެއް ނެތިފައި، ރާއްޖޭގައި މެޑިކަލް އިންޓަރންޝިޕް ހަދާނެގޮތް ނެތުމުން، ދިވެހިންނަށް މިފަދަ ފުރުޞަތުތައް ދިނުމަށް ބަންގްލަދޭޝް ސަރުކާރުން ޚާއްޞަ އަހްމިއްޔަތު ކަމަށް ދޭކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.ހައިކޮމިޝަނަރ އާސިމް ވިދާޅުވި ގޮތުގައި މިވަގުތު 35 ދިވެހިން ބަންގްލަދޭޝްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރަމުން އެބަގެންދެއެވެ. އަދި ފަންސާހަށްވުރެ ގިނަ ދިވެހިން ބަންގްލަދޭޝްގައި ޞިއްޙީ ޑޮކްޓަރުކަން ކިޔަވަމުންދާ ކަމަށްވެސް ހައިކޮމިޝަނަރ ވިދާޅުވިއެވެ.