ޚަބަރު

ގެއްލިފައިވާ ލޯތްބާއި އޯގާތެރިކަން، "އަމާންވެށިން"


ދައުލަތުގެ ބެލުމުގެ ދަށުން ޚާއްސަ އުސޫލެއްގެ ދަށުން ބަލަހައްޓަމުން ދާ ކުދިންނަށް ބަލާއިރު މައިގަނޑުގޮތެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ އަޅާލާނެ މީހަކު ނެތުމާއި ކޮންމެވެސް އަނިޔާއެއްގެ ސަބަބުން އެ ކުއްޖަކަށް ހިމާޔަތް ދޭން ޖެހުމުގެ ސަބަބުންނެވެ.

މީގެ ތެރޭގައި ތަފާތު އެތައް ޙާލަތެއް މެދުވެރިވެފައި ވެއެވެ. ވީހާ ދުވަހު ހޮސްޕިޓަލަށް ދޫކޮށްފައި، ދާ ކުދިންނާއި ދިިރިއުޅުމުގެ ވަކި ހިސާބުތަކުން، އެކުއްޖާއާ އަޅާލާނެ ވަކި މީހަކު ނުވަތަ ބަޔަކު ނެތް ކުދިންވެސް ދަޢުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހެއެވެ. މިފަދަ ވަގުތުތަކުގައި ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް އެތަކެއް އަނިޔާތަކާ ކުރިމަތިލާން ޖެހެއެވެ. މިފަދަ އެތައް ކަމަކާހެދި އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރި ފޯރުކޮށްދެމުން އަންނަނީ ދަޢުލަތުގެ ފަރާތުންނެވެ.

އެއީ ތަޢުލީމް ފޯރުކޮށްދިން ކަމުގައިވީނަމަވެސް ސިއްޙީ ޚިދުމަތް ނަމަވެސް ކުއްޖާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައި ވިޔަސް އެކަންކުރަމުން އަންނަނީ ހަމަ ދަޢުލަތުންނެވެ.

ދާދިފަހަކާ ޖެހެންދެން މިފަދަ ކުދިން ދައުލަތުން ބަލަހައްޓަން ޖެހިފައިއޮތީ މާލެ ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގައެވެ. މާލެ ސަރަޙައްދުގައި މިފަދަ މަރުކަޒެއްގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އެކުދިންނަށްވެސް މާބޮޑު މިނިވަންކަމެއް އިޙްސާސެއް ނުވެއެވެ. ރައްޓެހިންނާއި ޢާއްމުންނާއެކު މުޖުތަމަޢުގައި ވަގުތު ހޭދަކޮށްލާކަށް ވަގުތެއް ނުލިބެއެވެ.

އަނެއްކޮޅުން ދަޢުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާހިސާބުން ފެށިގެން އެކުއްޖާ ލޭބަލް ވެފައިވަނީ ގޯސް މީހެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އެކަން ބަދަލުވެއްޖެއެވެ. މިފަދަ މައްސަލައަށް ހައްލެއްގެނައުމަށްޓަކައި ސަރުކާރުން ނިންމެވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ރަށްރަށުގައި މިފަދަ ކުދިންގެ އިޒުނަޔާވެސް އެކު އެކުދިންނަށް ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ. މިއަދު މިކަން ކަމިޔާބު ކުރެއްވެއްޖެއެވެ. އޭގެ ނަތީޖާވެސް ރަނގަޅެވެ.

އަމާންވެށި، ކުދިންނަށް އާއިލީ ވެއްޓެއް!

މިހާރުވެސް 100އާ ގާތްކުރާ ޢަދަދަކަށް ފިޔަވަތީގައި ކުދިންތިބިއިރު މިއީ ޖާގައިގެގޮތުން ދަތިތަކާ ކުރިމަތިވެ ޚާއްސަކޮށް ކުދިންނަށް އޮންނަ މިނިވަންކަން ގެއްލުމަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައެވެ. އިތުރު ބަޔަކަށް ނުފެނި ޢައިލާއަކުން ލިބެން ޖެހޭ ލޯތްބެއް އެކުދިންނަށް އެކަށީގެންވާ ގޮތެއްގައި ނުލިބެއެވެ.

ދައުލަތުގެ ބެލުމުގެދަށަށް ގެންނަ ކުދިންނަކީވެސް މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ފުރިހަމަ ތަރުބިއްޔަތެއްދީ ބޮޑުވާ ކުދިންނަށް ހެދުމުގެ މަޤްސަދުގައި ޤާއިމްކޮށްފައިވާ އަމާންވެށިތަކަށް ކުދިން ބަދަލުކުރުމުގެ މަސައްކަތް ފެށީ 2020ވަނަ އހަރުގެ ފަހުކޮޅުގައެވެ. މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 5 އަމާން ވެއްޓެއް ޤާއިމްކޮށް އެތަންތަނަށް ވަނީ ކުދިން ބަދަލުކޮށްފައެވެ. މިއިން ކޮންމެ ތަނަކީ އެތަނަކަށް ގެންދާ ކުއްޖަކަށް ފުރިހަމަ މިނިވަންކަމާއި ލޯތްބާއި އަޅާލުން ދީ ކުދިންގެ އުފާވެރިކަމަށްވެސް އިސްކަން ދީގެން ތަރައްޤީކޮށްފައިވާ ތަންތަނެވެ. މިގޮތުން މިތަންތަން ތަރައްޤީކޮށްފައިވަނީ އެންމެ ގިނަވެގެންވެސް 24 ކުދިންނަށް ތިބެވޭނެ ޖާގައާ އެކުގައެވެ. އެހެންނަމަވެސް ކުދިންނަށް މިނިވަންކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އަދާ ހަމަޔަށްވެސް މި އިން އެއްވެސްތާކަށް 20 ކުދިންނަށް ވުރެ އެންމެ ކުއްޖަކުވެސް އިތުރެއް ނުކުރެއެވެ. އަމާންވެށިތައް ޤާއިމްކޮށްފައިވަނީ ބ.އޭދަފުއްޓާއި ފުވައްމުލަކު ސިޓީއާއި ނ.މަނަދުއާއި ހއ.ދިއްދުއާއި ށ.ފުނަދޫގައެވެ.

އާއިލީ ދިރިއުޅުމެއް ކުދިންނަށް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ދަޢުލަތުގެ ބެލުމުގައި ތިބިކުދިން އަމާންވެށިތަކަށް ބަދަލު ކުރަނީ ޖެންޑަރ މިނިސްޓްރީއަށް ފެންނަ ތަންތަނަކަށް ނޫނެވެ. ކުދިން ބަދަލުކުރުމުގެ ކުރިން އެކުދިންނާ ވާހަކަދައްކައި އެ ކުއްޖަކު ބޭނުން އަމާންވެއްޓަކަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. މިގޮތުން މިތަންތަނަށް ފޮނުވަނީ އުމުރުން 9 އަހަރުން މަތީގެ ކުދިން އެކަންޏެވެ. ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވާގޮތުގައި މިހާރު އަމާން ވެށިތަކުގައި ދިރިއުޅެމުން އަންނަ ކުދިން އެތަންތަނުގައި ދިރިއުޅެމުން އަންނަނީ ވަރަށްވެސް އުފަލުގައެވެ.

ރައްޔިތުންގެ ލޯބި މި ކުދިންނަށް

މީގެ ކުރިން ދަޢުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާ ހިސާބުން އެ ކުއްޖާއަކީ ވިޔާނުދާ ގޮތަކަށް އުޅޭ ކުއްޖެއްގެ ގޮތުގައި ލޭބަލްވި ނަމަވެސް މިއަދު އެކަން ބަދަލުވެއްޖެއެވެ. އަމާންވެށި ތަކުގައި ދިރިއުޅޭ ކުދިންނަށް ލިބެމުން އަންނަ ލޯބިންވެސް އެކަން ޔަޤީންކޮށްދެއެވެ.

ގޮންޖެހުންތަކާއެކެވެސް އެކުންދިންގެ ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރުމަށް އެތަންތަނުގައި ކުދިންގެ ޒިންމާ އުފުލައިގެން ތިބި މީހުންވެސް މިހާރުތިބީ މިކުދިންގެ މައްޗަށް މައިވަންތަކަމުގެ ލޯތްބެއް ޖެހިފައެވެ. ހަމައެކަނި އަމާން ވެށީގެތެރެއިންނެއް ނޫނެވެ. އެރަށެއްގެ ރައްޔިތުންގެ ފަރާތުންވެސް އެކުދިންނަށް ލިބެނީ އަޅާލުމާއި ލޯތްބެވެ.

ސްކޫލް ފެންވަރުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގައި ސްކޫލް ތަމްސީލްކޮށް ރަށު ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައިވެސް އެކުދިން ބައިވެރިކުރުވައެވެ. މިގޮތުން ފާއިތުވި ދިޔަ ރަމަޟާންމަހަށް ބަލާއިރުވެސް ބައެއް ރަށްރަށުން އެކުދިންނަށް ޚާއްސަކޮށްގެން ރޯދަވީއްލުމާއި ކުރިއަށް ގެންދާ ހަރަކާތްތައްކުގައި ބައިވެރިކުރުވުންފަދަ ކަންކަން ކޮށްފައި އެބަހުއްޓެވެ. އެކި ޖަމްޢިއްޔާތަކާއި އަމިއްލަ ބައެއް ފަރާތްތަކުންވެސް ފާހަގަކުރާ ދުވަސްތަކުގައި އެކުދިންނަށް ވަނީ ހަދިޔާ ބަހާފައެވެ.

މިތަންތަނުގައި ދިރިއުޅޭ ކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްގޮތަށް އެކި ކުޅިވަރުތަކުން ރަނގަޅު ވަނަތައް ހޯދައިދީ ކިޔެވުމަށްވެސް އެހާމެމޮޅު ކުދިންނެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އަމާންވެށިތަކުގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުން އެކުދިންގެ އިތުރަށް ރަށުގައި ދިރިއުޅޭ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވި އެކަން ފެންނަމުން އަންނަކަމަށެވެ. ނަމޫނާ ގެތަކެއް ހުރެމެ ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭކަމަށެވެ.

ވަކި ގެތަކެއް ކަނޑައަޅައި ކުދިންތަކެއް އެތަނެއްގައި ބެއިތިއްބިނަމަވެސް އެއިން ކޮންމެ ކުއްޖަކީވެސް ދިވެހި ލޭ ހިނގާ މި ޤައުމުގެ ދަރިއެކެވެ. ޅައުމުރުގައި އެފަދަކުދިންނަށް ދިމާވާ ނޭދެވޭ ކަންކަމުން އަރއިގަތުމަށް އެހީތެރިވެދީ މުޖުތަމަޢު ތެރެއިން ބާކީ ނުކޮށް އެކުދިންނަށވެސް ލޯތްބާއި އަޅާލުން ބޭނުންވާނެއެވެ. ރަށްރަށުގެ އަމާންވެށި ތަކުގައި ދިރިއުޅޭ ކުދިންނަށް އެރަށްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ލޯތްބާއި އަޅާލުމަކީ އެކުދިންގެ މުސްތަޤްބަލަށްވެސް އެއިން ފައިދާ ކުރާނެކަންކަމެވެ.